26 އޮގަސްޓު 2025 - 09:11 0
ކެރަމް ވޯލްޑް ކަޕް ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
26 އޮގަސްޓު 2025 - 09:11 0
ކެރަމް ވޯލްޑް ކަޕް މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން އިއުލާނުކޮށް، މުބާރާތުގެ ލޯގޯ މިއަދު ދައްކާލައިފި އެވެ.
މި އަހަރުގެ ކެރަމް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނުކަން އިއުލާނުކުރުމާއި މުބާރާތުގެ ލޯގޯ ދައްކާލުމުގެ އިތުރުން މައުލޫމާތު ދޭން މިއަދު ހެންވޭރު ބޯޅަގޭގައި ބޭއްވި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.
މިނިސްޓަރު ރާފިއު ވަނީ، މި ފަދަ ބައިނަލްއަގުވާމީ ބޮޑު މުބާރާތްތައް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ޖުމްލަކޮށް ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ކެރަމް ވޯލްޑް ކަޕް ބާއްވަން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މީގެ ކުރިން، 2014 ވަނަ އަހަރު ރާއްޖޭގައި ވަނީ ކެރަމް ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ. އެ ފަހަރު އެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ، ސަން އައިލެންޑް ރިސޯޓުގަ އެވެ. އަދި، އޭގެ ފަހުން، މިދިޔަ އަހަރު ރާއްޖޭގައި ވަނީ، އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އެ މުބާރާތުގައި، ހަތް ގައުމަކުން ޖުމްލަ 80 ކުޅުންތެރިން ވާދަކުރި އެވެ.
ކެރަމް ވޯލްޑް ކަޕް ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ކެރަމް އެސޯސިއޭޝަން ބުނީ، މުބާރާތް ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ އެކު ކުރަމުން އަންނަ ކަމަށެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި މުބާރާތާ ގުޅޭ މުހިންމު ކަންކަން އިއުލާނުކުރަމުން ގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ކެރަމް އަކީ ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅިވަރެކެވެ. އަދި، އެ ކުޅިވަރު ކުރިއަރުވަން މިހާރު ހިންގާ ކޮމިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ގައުމީ ލެވަލްގެ ގިނަ ކުޅުންތެރިންތައް އުފައްދައި، އެ ކުޅިވަރުގެ މުސްތަގުބަލަށް މަސައްކަތް ކުރުމުގެ އިތުރުން، މި ވަގުތު އޮތް ގައުމީ ޓީމަށް ބައިނަލްއަގުވާމީ ރަނގަޅު ފުރުސަތުތައް ހޯދައިދިނުން ހިމެނެ އެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ ގުޅުން ބަދަހިކޮށް ރާއްޖެ އަށް ލިބެން އޮންނަ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށްހިފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދީ ވެސް އަމިއްލަ އަށް އިސްނަގައިގެންނެވެ. އަދި، މި ފަހަރު ކެރަމް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދުމުގައި ވެސް މިހާރު އޮތް ކެރަމް އެސޯސިއޭޝަންގެ ލީޑަޝިޕް މުހިއްމު ދައުރެއް އަދާކުރި އެވެ.
މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.
Comment