Advertisement

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ފާސްކުރި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

25 އޮގަސްޓު 2025 - 11:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: އައު ގާނޫނުގެ ދަށުން ކޯޓު އަމުރަކާއި ނުލައި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ -- ފޮޓޯ: އަދަދު ފައިލް


ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ފާސްކުރި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

25 އޮގަސްޓު 2025 - 11:51 0

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ފާސްކުރި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ފުލުހުންނަށް އެ ގާނޫނުން ލިބޭ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ހިމެނެ އެވެ.

އެގޮތުން ކޯޓު އަމުރަކާއި ނުލައި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

ގޭންގު ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް ގާނޫނުން ބާރު ލިބެ އެވެ.

ގާނޫނުގެ ދަށުން ދެވޭ ބައެއް ބޮޑެތި އަދަބުތައް:

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ އެފަދަ ގުރޫޕެއް ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެއިތުރުން އެފަދަ ކުށެއް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން އައު ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވެ އެވެ.

އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ބިލުގައި ހިމަނާފައިވާ އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް:

  • މަސްތުވާތަކެތި ޓްރެފިކް ކުރުން.
  • މީހުން ޓްރެފިކް ކުރުން.
  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރި ކުރުން.
  • އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން (ކައުންޓަފީޓް ކުރުން)
  • ނުރައްކާތެރި ކުށް.
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދު ކުރުމުގެ އަދަބު ކަނޑައަޅާފައިވާ އެންމެހާ ކުށްތައް.

ބިލުގައި ހިމަނާފައިވާ ނުރައްކާތެރި ކުށްތައް:

  • މީހަކު މަރާލުން.
  • މީހާކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން.
  • މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން.
  • މީހަކު ކިޑްނެޕް ކުރުން.
  • މީހަކަށް ބިރު ދެއްކުން.

ގޭންގަކަށް ނިސްބަތްވާ މީހުން އެ ގާނޫނުގެ ދަށުން ކަނޑައަޅާނީ ޝަރުއީ ކޯޓަކުންނެވެ. ގޭންގަކަށް ނިސްބަތްވާކަން ކަނޑައަޅާނީ:

  • ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ބޭނުން ތުހުމަތު ކުރެވޭ މީހާ ބޭނުން ކުރުން.
    • ގޭންގެއް އުފެއްދުމުގައި ނުވަތަ ހިންގުމުގައި ހަރަކާތްތެރިވި ނުވަތަ ހަރަކާތްތެެރިވާ އެއްވެސް މީހަކާއެކު ނުވަތަ ގޭންގެއްގެ އެ ނޫންވެސް މެންބަރަކާއެކު ބޮޑު ގުޅުމެއް ބޭއްވުން.
    • ގޭންގެއްގެ ފަރާތުން ބޮޑު މަންފާއެއް ތުހުމަތު ކުރެވޭ މީހާއަށް ލިބުން.
    • ގޭންގެއް އުފެއްދުމުގައި ނުވަތަ ހިންގުމުގައި ހަރަކާތްތެރިވި ނުވަތަ ހަރަކާތްތެެރިވާ އެއްވެސް މީހެއްގެ އިރުޝާދުގެ ދަށުން އެ ގޭންގަކުން ހިންގާ ހަރަކާތްތަކުގައި ތުހުމަތު ކުރެވޭ މީހާ ބައިވެރިވުން.

    އައު ގާނޫނުގެ ދަށުން އެއްވެސް ގޭންގަކަށް ނިސްބަތްވާކަން ދެއްކުމުގެ ގޮތުން ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ކުރެހުމެއް ގައިގެ އެއްވެސް ތަނެއްގައި ނުވަތަ އެމީހަކު އާންމުކޮށް ގެންގުޅޭ އެއްޗެއްގައި ޖަހައި ބޭނުން ކުރުމަކީ ވެސް މަނާ ކަމެކެވެ.

    ގޭންގު ބިލު ތަސްދީގު ކުރެއްވުމަށްފަހު މިދިޔަ މެއި 25، ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިލާއެކު ގޭންގު ކުށްތައް ހުއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

    ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސްކޮށް، ގެނައި އިސްލާހުތަކާ އެކު މެއި 15، ގައި މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ.