25 އޮގަސްޓު 2025 - 12:29 4
އަމަން ހަލީމް
އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލު ދޮރުމަތީގައި މަޑުކޮށްލައިގެން: އެ ސްކޫލު އިންޓަނޭޝަނަލް ކުރިތާ މި އަހަރަށް 10 އަހަރު ވެއްޖެ --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
25 އޮގަސްޓު 2025 - 12:29 4
ވޭތުވި ފަސް އަހަރުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
'އަދަދު'ގެ ނޫސްވެރިޔަކު ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުގައި ބުނި ގޮތުގައި، އަހުމަދިއްޔާ ސްކޫލުން އޭލެވަލް ކިޔަވާ ދަރިވަރުންގެ ފީތަކާއި ޕްރީސްކޫލް ކުދިންގެ ފީތަކާއި ބައެއް ޓީޗަރުންގެ މުސާރައިގެ އިތުރުން ޓީޗަރުންގެ އެހެނިހެން ހަރަދުތަކަަށް ވެސް ފައިސާ ދޫކުރެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 2020 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަހުމަދިއްޔާއަށް ދޫކުރި ފައިސާގެ އަދަދުތައް ހިއްސާކޮށްފަ އެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި، މައުލޫމާތު ދިން މުއްދަތުގެ ތެރޭގައި އަހުމަދިއްޔާއަށް ދޫކުރި ފައިސާގެ އަދަދު ވަނީ 78 ޕަސެންޓު އިތުރުވެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އުސޫލުތައް އޮންނަ ގޮތުން އޯލެވަލްގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ ފީ ދައްކައިދެނީ ސަރުކާރުންނެވެ. އަހުމަދިއްޔާ ސްކޫލަށް ދައުލަތުން ކުރާ ހަރަދުގެ ބޮޑު ބަޔަކީ އެ ސްކޫލުގައި އޭލެވަލްއަށް ކިޔަވާ ދަރިވަރުންގެ ފީތަކެވެ. އޭލެވަލް ފީތައް ދައްކަން މިދިޔަ އަހަރު 23.1 މިލިއަން ރުފިޔާ އަދި އޭގެ ކުރީ އަހަރު 21.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.
އަހުމަދިއްޔާ ސްކޫލަށް ކުރި ހަރަދު 2020-2025
ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އެ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުންގެ މުސާރައަށެވެ. އެޑިޔުކޭޝަނުން ބުނި ގޮތުގައި އަހުމަދިއްޔާގައި މަސައްކަތް ކުރާ 24 ޓީޗަރެއްގެ މުސާރައަށް ޒިންމާވަނީ ސީދާ މިނިސްޓްރީންނެވެ.
އަހުމަދިއްޔާ ސްކޫލަކީ އިންޓަނޭޝަނަލް ސްކޫލެއް ނަމަވެސް މައްޗަންގޮޅީގެ އަވަށު ސްކޫލަކީ ވެސް އެއީ އެވެ. މިހެންވެ އެ ސްކޫލުގައި ޕްރީސްކޫލް ގްރޭޑުތައް ކިޔަވާ ކުދިންގެ ފީތައް ދައްކަނީ ސަރުކާރުންނެވެ.
އަހުމަދިއްޔާ ސްކޫލުގެ މި މައުލޫމާތުތައް ހޯދީ އެ ސްކޫލުގެ އޮޑިޓެއް ހަދަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވުމާ ގުޅިގެންނެވެ. މި އޮޑިޓުގެ މަސައްކަތް ފެށި ނަމަވެސް، މައުލޫމާތު ދިން މުއްދަތާ ހަމައަށް އެ މަސައްކަތް ނުނިމޭ ކަމަށް އެޑިޔުކޭޝަނުން ބުނެފައި ވެ އެވެ.
އަހުމަދިއްޔާ ސްކޫލު ހުޅުވީ 1982 ގަ އެވެ. އެ ސްކޫލު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވީ 2015 ގަ އެވެ.
Comment