25 އޮގަސްޓު 2025 - 07:24 1
ލީވާން އަލީ ނާސިރު
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު - ފޮޓޯ: މަޖިލީހުގެ އިދާރާ
25 އޮގަސްޓު 2025 - 07:24 1
ބައެއް ބިލްތަކުގެ ވޯޓާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ބިރު ދެއްކި ކަމަށާއި ރިޝްވަތު ވެސް ހުށަހެޅި ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ހުށަހެޅި ބައެއް ބިލްތަކަށް ބަހުސް ނުކުރުމަށް އަދި ބައެއް ބިލްތަކަށް ވަކި ގޮތަކަށް ވޯޓުލުމަށް އެދި ފަލާހު އާދޭސް ކުރެއްވި ކަމަށެވެ.
"ފަލާހު އެދޭ ގޮތަށް ބަހުސްކޮށް ވޯޓު ލައިފިއްޔާ އަޅުގަނޑު އެދޭ ގޮތަށް ދާއިރާގެ ކޮންމެ ރަށަކުން ފަސް މީހަކަށް ވަޒީފާ ދޭންވެސް ހުށައެޅި. ހަމަ އެހެންމެ ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި ބުރަދާ އަށް ދޭން ލާރި ކޮޅެއް ހުންނާނެ ކަމަށް ބުނެފައި ގެއަށް ގޮސް ލާރި ހިފައިގެން އަންނަން ދެން މަޖިލިސް ކުޑަދަށުގައި އަޅުގަނޑު މަޑުކޮށްލަން ބުނެފައި ފަލާހު ގެއަށް ދިޔަ. އެހެން ބުނެފައި ފަލާހް ދިޔައިމަ ފަލާހު އަންނަން ދެން އަޅުގަނޑު މަޑުނުކޮށް ގެއަށް އައީ،" މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ އައްބާސް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބައެއް ބިލްތަކަށް ވޯޓު ނުލާނަމަ ވޯޓުގައި ބައިވެރި ނުވުމަށް ވެސް އެދިވަޑައިގެންފައި އެބަހުރި ކަމަށް އައްބާސް ވިދާޅުވި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުންނާމެދު ފަލާހު ނިކަމެތިކޮށް ކަންކަން ކުރާ ކަމަށް ބައެއް މެންބަރުން، އޭނާގެ ގާތު ވިދާޅުވެފައިވާ ކަމަށާއި ބައެއް މެންބަރުންނަށް ގިނައިން ފައިސާ ދީފައި، އަނެއް ބައި މެންބަރުންނަށް މަދުން ފައިސާ ދޭ ކަމަށް އައްބާސް ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަހަކު ބައި ލައްކަ ދޭކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. އެ ވާހަކަތައް ޕީއެންސީން ރަސްމީކޮށް ދޮގު ކުރި ނަމަވެސް، ބައެއް މެންބަރުން އެކަން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ.
"ބައެއް މެންބަރުންނަށް ފަލާހު ގިނައިން ލާރި ދީފައި ބައެއް މެންބަރުން ނަށް 5000 ނުވަތަ 10000 ރުފިޔާ ދެމުންދާ ވާހަކަވެސް ވަރަށް އަސަރާއެކު [މެންބަރުން] ކިޔާދެމުންދަނީ،" އައްބާސް ވިދާޅުވި އެވެ.
މަޖިލީހުގެ ކެމްޕޭނުގެ ބައެއް ދަރަނިތައް އަދިވެސް ނުދެއްކި ހުރި ކަމާއި އެ ވާހަކަ ޕީއެންސީގެ ބައެއް މެންބަރުން މުއިއްޒުއާ ހިއްސާ ކުރެއްވި ކަމަށް ވެސް ބައެއް މެންބަރުން ކިޔައި ދެއްވާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
"މެންބަރުންގެ ދަރަނިތައް ދައްކާ ދޭނެ ކަމަށް ބުނެ ދަރަނީގެ އަދަދުތައް ނޯޓު ކުރެއްވި ކަމާއި އޭގެ ފަހުން އެކަމާ އަޅާ ނުލާކަމަށް ޕީއެންސީގެ ގިނަ މެންބަރުން ތަކެއް ހިތްހަމަ ނުޖެހިގެން އަޅުގަނޑާ ހިއްސާ ކުރި،" އައްބާސް ވިދާޅުވި އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން މުއިއްޒުއާ ވަކިން ބައްދަލު ކުރަން އެދިވަޑައިގަތުމުން ވެސް އެ ފުރުސަތު ނުދެއްވައި ދެތިން މަސް ދުއްވާލާ ކަމަށާއި، ނަމަވެސް މުއިއްޒު ބޭނުންވާ ބިލެއް ފާސްކުރަން ގާތް ވެއްޖެ ނަމަ ޕީޖީ ގްރޫޕް ހުރިހާ މެންބަރުން މުލިއާގެ އަށް ގެންގޮސް ވާހަކަ ދައްކަވާ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ދަންނަވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުއިއްޒުގެ ފަރާތުން ދެއްވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާކަން ހާމައެއް ނުކުރެ އެވެ.
Comment