Advertisement

މެޒޯ މުހައްމަދުގެ ހަނދާނަށް ޕާފޯމިން އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި

24 އޮގަސްޓު 2025 - 11:43 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މެޒޯ މުހައްމަދުގެ ހަނދާނަށް އެރުވި ޝަރަފުވެރިކަމުގެ ގައުމީ އިނާމާ، އޭނާގެ ދަރިފުޅު، މީރާ މުހައްމަދު މާޖިދު ހަވާލުވަނީ -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް


މެޒޯ މުހައްމަދުގެ ހަނދާނަށް ޕާފޯމިން އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި

24 އޮގަސްޓު 2025 - 11:43 0

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދުގެ ހަނދާނަށް ޕާފޯމިން އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި އެވެ.

މެޒޯ މުހައްމަދުގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ އިނާމާ ހަވާލުވީ މުހައްމަދުގެ ދޮށީ ދަރިފުޅު، މީރާ މުހައްމަދު މާޖިދު އެވެ.

ދިވެހި މިއުޒިކް އިންޑްސްޓްރީއަށް އަގު ނުކުރެވޭވަރުގެ ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މުހައްމަދު ނިިޔާވީ މި އަހަރުގެ ފެބްރުއަރީ 12، ގަ އެވެ.

މެޒޯ މުހައްމަދު ނުވަތަ ކްރީމް މުހައްމަދުއަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ހުނަރުވެރި މިއުޒީޝަނެއް ވެސްމެ އެވެ. އަދި ގިޓަރިސްޓެއްގެ އިތުރުން އޭނާއަކީ މޮޅު ޑްރަމަރެއް ވެސްމެ އެވެ. އުމުރުން އެންމެ 11 ވަރަކަށް އަހަރުގައި 1977، ގައި މިއުޒިކްގެ ތެރެއަށް ވަން މުހައްމަދުގެ ނަމަކީ ރާއްޖޭގެ މިއުޒިކްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ނަމެކެވެ. އޭނާގެ އަޑަކީ ދިވެހި އެތައް ހިތެއްގައި އުމުރަށް ރައްކާ ކުރާނެ ފަދަ ހިތްގައިމު އަޑެކެވެ.

ކްލަބް ކޯބްރާސްއިން މިއުޒިކުގެ ދުނިޔެއަށް ނުކުތް މުހައްމަދު ދިވެހި މިއުޒިކީ ޖައްވުގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ މިއުޒިކް ބޭންޑު، މެޒޯ އުފެއްދުމަށްފަހު އެވެ. އޭގެ ކުރިން "ބޯން އިން އެމް" ގެ ނަމުގައި ވެސް އޭނާ ބޭންޑެއް އުފެއްދި އެވެ. އެއީ ސައްތައިންސައްތަ ދިވެހީން ހިމެނުނު ބޭންޑެކެވެ.

އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "މޮޅު އޮޑި" އާއި "ޖިސްމު ނެތިގެން ގޮސް ހަފުސް" އަދި އުޑުންތަރިތައް" ފަދަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް ލަވައެއް ހިމެނެ އެވެ. އޭނާގެ ދިގު މިއުޒިކީ ހަޔާތުގައި ނެރެނު އަލްބަމްތަކުގެ ތެރޭގައި "ގުގުރި" އަލްބަމް އާއި "މާލި" އަލްބަމް ފަދަ އަމިއްލަ ރާގުގެ އަލްބަމްތައް ފާހަގަކޮށްލެވެ އެވެ.

ދިވެހި އަމިއްލަ އުފެއްދުންތެރިކަމުގެ ލާމަސީލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މެޒޯ މުހައްމަދުގެ މެޒޯ ބޭންޑަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް ހުނަރު ދައްކާލައި އެތައް ބައެއްގެ ހިތްތައް ކަތިލާފައި ބޭންޑެކެވެ. އެގޮތުން އައިޓީބީ ބާލިން ޓޫރިޒަމް ފެއާގަ އާއި ބީއައިޓީ މިލާން ޓޫރިޒަމް ފެއާގެ އިތުރުން ސައުތު އެފްރިކާ އާއި ސީޝްލްސް އަދި އިންޑިއާގައި މެޒޯއިން ރާއްޖެ ތަމްސީލު ކޮށްދީފައިވެ އެވެ.

އޭގެއިތުރުން އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، އެމްޓީވީގައި އެންމެ ފުރަތަމަ ދިވެހި ލަވައަކަށް ދެއްކީ ވެސް މެޒޯ ބޭންޑުގެ "ވިސްނާ ވިސްނާ" ލަވަ އެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.

މެޒޯ މުހައްމަދުގެ އަޑު ދިވެހިންނަށް އެންމެފަހުން އިވިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ޓީވީއެމުން ގެނެސްދިން އެހަނދާނުގައި ޝޯއިންނެވެ.