Advertisement

ޓޮޓެންހަމް އިން ސިޓީ ހަމަބިމަށް ތިރިކޮށްފި

23 އޮގަސްޓު 2025 - 18:59 0


ޓޮޓެންހަމް އިން ސިޓީ ހަމަބިމަށް ތިރިކޮށްފި

23 އޮގަސްޓު 2025 - 18:59 0

މެންޗެސްޓާ (އޮގަސްޓް 23) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގައި ބޮޑު މޮޅަކުން ފެށި މެންޗެސްޓާ ސިޓީގެ ދަނޑުގައި އެ ޓީމުން މި ފަހަރު ލީގުގައި، ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން މޮޅުވެއްޖެ އެވެ.

ޓޮޓެންހަމް އިން މި ވަނީ ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ސިޓީ ދަނޑުގައި މޮޅުވެފަ އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގައި ވުލްވްސް އަތުން ރަށުންބޭރުގައި ސިޓީން 4-0 އިން މޮޅުވިއިރު، އެ މެޗުގައި ދެއްކި ލެވަލްގެ ކުޅުމެއް ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީ އަށް ދެއްކިފައެއް ނުވެ އެވެ.

އަނެއްކޮޅުން، ޓޮޓެންހަމް ވެފައި މި ވަނީ، ލިވަޕޫލާ އެކު، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައި އޭނާ އަތުން އެންމެ ގިނަ ފަހަރު މޮޅުވި ޓީމަށެވެ. ޓޮޓެންހަމް އާއި ލިވަޕޫލުން ވަނީ ގާޑިއޯލާގެ ޓީމުތައް އަތުން 10 ފަހަރު މޮޅުވެފަ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ސިޓީން ވަރުގަދަކޮށް ފެށި މި މެޗުގައި، ޓޮޓެންހަމް އިން ވަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެފަ އެވެ.

އެ ގޮތުން، ޓޮޓެންހަމް އިން މެޗުގެ ފުރަތަމަ ގޯލު ޖެހީ، 35 ވަަނަ މިނިޓްގައި ބްރެނަން ޖޯންސަން އެވެ. މިއީ، ސިޓީގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޓޮޓެންހަމްގެ ފޯވާޑް، ރިޗާލިސަން ނަގައިދިން ބޯޅައަކުން ޖޯންސަން ޖެހި ގޯލެކެވެ. މި ގޯލު، ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ނިންމީ ގޯލެއް ކަމަށެވެ.

ޓޮޓެންހަމް އިން ލީޑުނެގުމުގެ ކުރިން ސިޓީ އަށް ލަނޑު ޖަހައިދޭން އެ ޓީމުގެ މިސްރުގެ ފޯވާޑް، އޮމަރު މާމޫޝް ފޮނުވާލި ބޯޅައެއް ޓޮޓެންހަމްގެ ކީޕަރު، ގުގްލިއެމޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން، ދެ ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޖޮއާއޯ ޕަލީނިއާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ސިޓީގެ ކީޕަރު، ޖޭމްސް ޓްރަފޯޑް ހެދި ގޯހެއްގެ ފައިދާނަގައި، ޕަލީނިއާ އަށް ބޯޅަ ލިބުނު ވަގުތުގައި ޖެހި ގޯލެކެވެ.

ސިޓީ އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ތެރެއަށް އައުމަަށް އާލިން ބްރައުޓް ހާލަންޑަށް ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ސިޓީގެ ވިންގް، ރިޔާން ޗާކީ ނަގައިިދިން ހުރަހަކަށް ކުޑައޭރިއާތެރެއިން ހުސްކޮށް ފުންމައިގެން އަރައި، ހާލަންޑް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ސިޓީން ނަތީޖާއެއް ހޯދޭތޯ މަސައްކަތް ކުރި ނަމަވެސް، ޓޮޓެންހަމްގެ ޑިފެންޑަރުން ވަނީ އެ ޓީމުގެ ފަހަތް ހިފެހެއްޓުމުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައި، މެޗުން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ކާމިޔާބުކޮށްފަ އެވެ.

ޓޮޓެންހަމް އިން އާ ކޯޗު ތޯމަސް ފްރޭންކްއާ އެކު، ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން މި ވަނީ ބައިކޮޮޅަށް ގޯލެއް ނުވަދެ މޮޅުވެފަ އެވެ.

އަނެއްކޮޅުން، ކުރިން ބްރެންޓްފޯޑަށް ކޯޗުކޮށްދިން ފްރޭންކް ވެފައިވަނީ، ޕްރިމިއާ ލީގުގައި ތަފާތު ދެ ޓީމެއްގައި ހުރެފައި، ގާޑިއޯލާ ބަލިކުރި ތިން ވަނަ ކޯޗަށެވެ، މީގެ ކުރިން އެކަން ހާސިލްކުރީ ހޯސޭ މޮރީނިއޯ އާއި އެންޓޯނިއޯ ކޮންޓޭ އެވެ. ކޮންޓޭ އާއި މޮރީނިއޯ ވަނީ މީގެ ކުރިން ޓޮޓެންހަމަށް ކޯޗުކޮށްދީފަ އެވެ.