23 އޮގަސްޓު 2025 - 11:32 0
23 އޮގަސްޓު 2025 - 11:32 0
ޕެރިސް (އޮގަސްޓް 23) - މިދިޔަ ސީޒަނުގައި ޕީއެސްޖީން ހޯދި ކާމިޔާބަކީ މިހާރު މާޒީ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ޕީއެސްޖީން މިދިޔަ ސީޒަނުގައި ފްރާންސް ފުޓްބޯޅައިގެ ތިން މުބާރާތުގެ ތަށި ހޯދިއިރު، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، އެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ އަތުން ވަނީ ބަލިވެފަ އެވެ. އެ ނާކާމިޔާބީގެ މާޔޫސްކަމުން އަރައިގަތީ، ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ފުރަތަމަ ފަަހަރަށް އެ ތަށި އުފުލާލައިގެންނެވެ.
ފްރެންޗް ލީގުގެ އާ ސީޒަނުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި، އެންޖާސް އަތުން މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ޕީއެސްޖީގެ އަސްލު ލެވަލްގައި ނުކުޅެވޭ ކަމަށް ބުނެ، ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު، އެންރީކޭ ވަނީ ފާޑުކިޔުންތައް ބަލައިގަނެ، އުންމީދީ ޖަވާބުތަކަކުން ހަމަޖައްސައިލައިފަ އެވެ.
"މިއީ ފެށުމެއް، އަހަރެމެން މީގެއިން ވިސްނަންވީ، މިކަން މި ގޮތަށް ވީމަ (އުނދަގޫ މޮޅަކުން ފަށަން ޖެހުނީމަ)، ދެން ކުރިއަށް ވިސްނައިގެން މުސްތަގުބަލުގައި ކަންކަން ރަނގަޅުކުރަން ވަރަށް ގިނަ ވަގުތާއި ފުރުސަތު އޮތް ކަމަށް. ހަގީގަތަކީ، މިދިޔަ ސީޒަނަކީ (ހޯދި ކާމިޔާބީތަކަކީ) މިހާރު މާޒީގައި އޮތް ކަމެއް، މުސްތަގުބަލެއް ހޯދަން ވިސްނައިގެން ކުރިއަށްދަންޏާ އަބަދުވެސް ރަނގަޅު މަސައްކަތް ކުރަންވީ،" ބާސެލޯނާ އާއި ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ މި ސީޒަނުގައި ޕީއެސްޖީގެ ސްޓައިލުން ހާލަތާ ގުޅޭ ގިނަ ބަދަލުތަކެއް މެޗުތަކުގައި ފެންނާނެ ކަމަށެވެ. އެއީ، ފުޓްބޯޅައިގައި ރަނގަޅަށް ކުރިއަށްދިއުމަށްޓަަކައި، ހެޔޮ ވިސްނުމުގައި ކުރިއަށްދާ ކޮންމެ ޓީމަކުން ވެސް އަޅާނެ ފިޔަވަޅުތަކެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
Comment