Advertisement

ހިމާޔަތްކޮށްފައި އޮތް މަޑިވަރު ފިނޮޅަށް ވެލި އެރުވުމުގެ ޕްރޮޖެކްޓެއް މުއިއްޒު އިއުލާނުކޮށްފި

21 އޮގަސްޓު 2025 - 19:41 0

މުއިއްޒު ރަސްދޫގައި ވާހަކަ ދައްކަނީ: އެ ސަރަހައްދަކީ ކާލިގަނޑު މިޔަރު އެންމެ ގިނައިން ފެންނަ ސަރަހައްދު -- ފޮޓޯ: ރައީސް އޮފީސް


ހިމާޔަތްކޮށްފައި އޮތް މަޑިވަރު ފިނޮޅަށް ވެލި އެރުވުމުގެ ޕްރޮޖެކްޓެއް މުއިއްޒު އިއުލާނުކޮށްފި

21 އޮގަސްޓު 2025 - 19:41 0

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި ހިމެނޭ ރަސްދޫ މަޑިވަރު ފިނޮޅަށް ވެލި އެރުވުމަށް ޖިއޯ ބޭގު ޖަހާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި ވާހަކަ ދައްކަވަމުން އިއްޔެ މުއިއްޒު ވިދާޅުވީ މަޑިވަރު ފިނޮޅު ތަރައްގީ ކުރަން ރައްޔިތުން އެދޭ ކަމަށެވެ. އެހެންކަމުން، އެތަނަށް ޕިކުނިކު ދެވޭ ވަރަށް ވެލި އަރުވައި ތަރައްގީ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި މަޝްރޫއަކީ ވެސް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، އެތަނުގައި ވަށައިގެން ޖިއޯ ބޭގްސް ޖަހައި، އެތަނަށް ވެލިއަރާ ގޮތަށް ތަރައްގީކޮށްދީ، ތިޔަބޭފުޅުން ލޯކަލް ޓޫރިޒަމްގެ ބޭނުމާއި، ޕިކްނިކް ދިޔުމާއި، މި ހުރިހާ ކަމަކަށް ބޭނުން ކުރެވޭ ގޮތަށް، ވަރަށް އިސްކަންދީގެން، ހައި ޕްރިއޮރިޓީ މަޝްރޫއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ، އެ ފިނޮޅުގެ މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.

މަޑިވަރު ފަޅު، ރަސްދޫ އަދި ކުރަމަތި ރިސޯޓު ހިމެނޭ ސަރަހައްދަކީ ގުދުރަތީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އުފެދިފައި އޮތް އަތޮޅެކެވެ. އެ އަތޮޅަށް ކިޔަނީ ރަސްދޫ އަތޮޅެވެ. ރަސްދޫ އަތޮޅުގެ ފަރުގެ ސަރަހައްދަކީ ބަޔޮލޮޖިކަލް ޑައިވާސިޓީ ކޮންވެންޝަނުގައި "އިކޮލޮޖިކަލީ އެންޑް ބަޔޮލޮޖިކަލީ ސިގްނިފިކަންޓް އޭރިއާ" އެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ތަނެކެވެ.

މަޑިވަރު ފަޅު ހިމެނޭ ގޮތަށް ހިމާޔަތްކޮށްފައިވާ ސަރަހައްދަކީ ދިވެހިރާއްޖޭގައި އެންމެ ގިނައިން ކާލިގަނޑު މިޔަރު ފެންނަ ސަރަހައްދެވެ. އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް އެ ފިނޮޅުގައި ކާލިގަނޑު މިޔަރު އުޅެ އެވެ. އޭގެ އިތުރުން، އެންމަޑި، މާހުޅުނބު ލަނޑާ، ވެލާ ކަހަނބު ފަދަ މުހިންމު ދިރުންތައް ވެސް އެ ސަރަހައްދުގައި އުޅެ އެވެ. އަދި މަޑިވަރު ފިނޮޅަކީ އައިންމަތީ ދޫންޏަށް ހާއްސަ ސަރަހައްދެކެވެ.

އެ ސަރަހައްދުގައި ކުރުން މަނާ ކަންކަން

  • އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި ހިފުމާއި ގޯނާ ކުރުން
  • އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ ހާއްޔަށް ގެއްލުން ދިނުން
  • ކުނި އެޅުން
  • އަލިވާ ގޮތަށް ރޭގަނޑު ދިއްލުން
  • އެ ސަރަހައްދުގައި ދިރިއުޅޭ ދިރުންތަކަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުން
  • އެ ސަރަހައްދުގައި ނުއުޅޭ ދިރުމެއް ތައާރަފު ކުރުން
  • އެއްވެސް ދިރޭ އެއްޗަކަށް ކާން ދިނުން ނުވަތަ ކާން އެޅުން

މޫދު ސަރަހައްދަށް ހާއްސަކޮށް މަނާވާ ކަންކަން

  • އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާ ކުރުމާއި މައިން ކުރުން
  • ބިން ހިއްކުމާއި ފަޅު ފުން ކުރުން
  • ނަގިލިލުން
  • އެކުއާކަލްޗާ އަދި މެރިކަލްޗާގެ މަސައްކަތް ކުރުން
  • އެއްވެސް ޕޮލިއުޓަންޓެއް ދޫކުރުން
  • ޒަމާނުއްސުރެ ކުރަމުން އައި އެންވެރިކަން ފިޔަވައި އިތުރު އެންވެރިކަމެއް ކުރުން

އެއްގަމު ސަރަހައްދަށް ހާއްސަ ކަންކަން

  • ގަސްގަހާގެހި ކެނޑުމާއި އުފުރުމާއި ގެއްލުންދިނުން
  • ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  • އެ ސަރަހައްދުގައި ނެތް ބާވަތެއްގެ ގަހެއް ނުވަތަ އޮށެއް އިންދުން
  • ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކުރުން

މަޑިވަރު ފިނޮޅު ހިމެނޭ ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅީ އޮކްޓޯބަރު، 2018، ގަ އެވެ. އެހެންކަމުން އެ ދުވަހަށްފަހު އެތަނުގައި އެއްވެސް ކަމެއް ކުރެވޭނީ، ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެ ގަވާއިދުގެ 13. ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ، ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ތަންތަން ބަލަހައްޓަންވާނީ ހަމައެކަނި އެތަން ހިމާޔަތް ކުރުމުގެ މަގުސަދުގައި އެކަނި ކަމަށެވެ.

މަޑިވަރު ފިނޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ އިމަށް ބަދަލު ގެނެސް ޖުލައި 20، 2023، ގައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ސަރަހައްދަށް ހާއްސަކޮށްގެން ކަނޑައަޅާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އެތަނުގައި އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓުތައް ވެސް ހިންގިދާނެ އެވެ. އެކަމަކު އެފަދަ ޕްލޭނެއް އަދި ގެޒެޓުކޮށްފައެއް ނުވެ އެވެ.