Advertisement

މެޓާނިޓީ ލީވުގައި ހުއްޓާ ކަނޑާލި މުވައްޒަފަކަށް މުސާރަ ނުދޭން ނަދާ ހައި ކޯޓަށް

21 އޮގަސްޓު 2025 - 11:47 13

އަހުމަދު އާއިދު

އަހުމަދު އާއިދު

ނަދާ ސެލޫނުގެ ވެރިޔާ، ފާތިމަތު ނަދާ: މެޓާނިޓީގައި ހުއްޓާ ކަނޑާލި މުވައްޒަފަކަށް މުސާރަ ނުދޭން ނަދާ ހައި ކޯޓަށް --- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް


މެޓާނިޓީ ލީވުގައި ހުއްޓާ ކަނޑާލި މުވައްޒަފަކަށް މުސާރަ ނުދޭން ނަދާ ހައި ކޯޓަށް

21 އޮގަސްޓު 2025 - 11:47 13

ރާއްޖޭގެ މަޝްހޫރު އަންހެން ވިޔަފާރިވެރިޔާ ފާތިމަތު ނަދާ ހިންގާ ނަދާ ސެލޫންގެ މުވައްޒަފަކު ވިހެއުމުގެ ސަބަބުން ނެގި ޗުއްޓީގައި ހުއްޓާ ވަޒީފާއިން ވަކިކުރުމުން ބަދަލުގެ ގޮތުގައި ދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމުމުން، މުސާރަ އާއި ބަދަލު ނުދޭން ނަދާގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި، މެއި 29، ގައި ޓްރައިބިއުނަލުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ ޖޫން 29، ގަ އެވެ. އެ މައްސަލަ ރަޖިސްޓްރީ ކުރުމާމެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ނަދާ ސެލޫނާއި ދެކޮޅަށް ނިންމި މައްސަލައަކީ މިދިޔަ އަހަރު އެ ސެލޫނުން ވަކިކުރި މުވައްޒަފަކު ހުށަހެޅި މައްސަލަ އެކެވެ. 2018 އިން ފެށިގެން އެތަނުގައި މަސައްކަތްކުރި އެ މުވައްޒަފު ވިހެއުމުގެ ޗުއްޓީއަށް ގޮސްފައިވަނީ އޮގަސްޓު 2024، އިން އޮކްޓޯބަރު 2024 އަށެވެ.

އޭގެ ކުރިން ޖުލައި 1، އިން 31، އަށް އެ މުވައްޒަފު ހުރީ އަހަރީ ޗުއްޓީގަ އެވެ. ނަދާ ސެލޫނުން ނިންމީ އޭނާގެ އަހަރީ ޗުއްޓީއަށް އެކަނި މުސާރަ ދިނުމަށެވެ. ވިހެއުމުގެ ޗުއްޓީގައި ހުރި މުއްދަތަށް ވާ މުސާރައާއި އިނާޔަތްތައް ދޭން ނުޖެހޭ ކަމަށް ނަދާ ސެލޫނުން އޭނާއަށް ވަނީ އަންގާފަ އެވެ.

ސަބަބެއް ގޮތުގައި އެ ސެލޫނުން ބުނީ މެޓާނިޓީއަށްދާ މުވައްޒަފުންނަށް މުސާރަ ދެނީ އެނބުރި ވަޒީފާއަށް އަންނާނެކަން ޔަގީންވާ ކަމުގައިވާ ނަމަ ކަމަށެވެ. ނަމަވެސް ނަދާ ސެލޫނުން ހެދި ވަޒީފާގެ އެއްބަސްވުމުގައި އެފަދަ ވާހަކައެއް ބުނެފައެއް ނުވެ އެވެ. ވަޒީފާއާއި ބެހޭ ގާނޫނުގައި ވެސް މެޓާނިޓީގައި ތިބޭ މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އޮކްޓޯބަރުގެ ނިޔަލަށް ވެސް މުސާރަ ނުދިނުމުން އެ މުވައްޒަފު ވަނީ މުސާރަ ނުދެވޭނަމަ ވަޒީފާއިން ވަކިވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަދާ ސެލޫނުން އޭނާ ކަނޑާލީ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭ ކަމަށް ނުދެކޭ ކަމަށް ބުނެ އެވެ.

ޓްރައިބިއުނަލުން ނިންމިގޮތް:

  • ނަދާ ސެލޫނުން ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފުވިކަން.
  • ނަދާ ސެލޫނުން މުވައްޒަފު ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް.
  • މެޓާނިޓީ ލީވްގައި ހުރި މުއްދަތަށްވާ މުސާރައާއި އިނާޔަތުގެ ގޮތުގައި 48،600ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
  • ސަބަބެއްނެތި ވަޒީފާއިން ވަކިކުރި މައްސަލާގެ ބަދަލެއްގެ ގޮތުގައި ހަ މަހަށް ވާ މުސާރައާއި އިނާޔަތުގެ ގޮތުގައި 97،200ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
  • އެ މުއްދަތާ ދިމާވާ ރޯދަ މަހުގެ އެލަވަންސަށްވާ 3،000ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
  • މައްސަލާގައި ވަކާލާތުކުރި ގާނޫނީ ވަކީލަށް ދިން 35،000ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.

ފާހަގަކޮށްލެވޭ ގޮތުގައި ޓްރައިބިއުނަލް އިން މި މައްސަލަ ބެލިއިރު ބޭއްވި އަޑުއެހުންތަކަށް ނަދާ ހާޒިރުވެފައެއް ނުވެ އެވެ. އެކި ސަބަބުތައް ދެއްކުމަށްފަހު، ސެލޫނުގެ ފަރާތުން އަޑުއެހުންތަކުގައި ބައިވެރިވާނެ މީހެއްގެ ތަފުސީލެއް ވެސް ފޯރުކޮށްދީފައެއް ނުވެ އެވެ.

ސެލޫން މޯލްޑިވްސް ކުންފުނީގެ ދަށުން 2017 އިން ފެށިގެން ނަދާ ހިންގަމުންދާ ނަދާ ސެލޫން އަދި ނަދާ ކްލިނިކަކީ މިވަގުތު ރާއްޖޭގައި މަޝްހޫރު ދެ ބްރޭންޑެވެ. ނަދާ އަކީ ވެސް ރާއްޖޭގައި ނަން ހިނގާ ވިޔަފާރިވެރިޔެކެވެ.