މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 21) - މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުރުގުއޭގެ ލެެޖެންޑަރީ ފޯވާޑް، ލުއިސް ސުއަރޭޒް، އިންޓަ މިއާމީގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.
އުމުރުން 38 އަހަރުގެ ސުއަރޭޒް، މިއާމީގެ ކޮންޓްރެކްޓް ހަދާފައި އޮތީ މި ސީޒަނުގެ ނިޔަލަށެވެ. މިދިޔަ ދެ އަހަރު ސުއަރޭޒް، މިއާމީ އަށް ކުޅެފައިވާއިރު، އޭނާ، އެ ޓީމާ ގުޅުނު އެންމެ ބޮޑު ސަބަބަކީ ލިއޮނަލް މެސީއާ އެއް ޓީމަކަށް ކުޅުމަށެވެ. އަދި، ސުއަރޭޒް ވަނީ، މެސީއާ އެކު މިއާމީގައި ކުރިއަށްދިއުމަށް ބޭނުންވާ ކަމަށެވެ.
"އަހަރެމެންގެ ހަޔާތް މިހާރު މި އޮތީ ވަރަށް ބޮޑަށް އެކަކު އަނެކަކު ނިންމާ ގޮތަކަށް ބަރޯސާވެފައި، އަހަރެން ވަރަށް ބޭނުން މެސީއާ އެކު ރިޓަޔާކުރަން. ދެން، މީގެ އަންނާނެ އަހަރެމެންގެ އާއިލާ އެދޭ ގޮތް ވެސް، އަހަރެން ބޭނުމީ މެސީއާ އެކީ ކުރިއަށްދާން،" ސުއަރޭޒް ބުންޏެވެ.
ބާސެލޯނާ، އަޔަކްސް، ލިވަޕޫލް އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާ ސުއަރޭޒް ބުނެފައިވަނީ، ފިޒިކަލީ އަދިވެސް އޭނާ ހުރީ ޕްރޮފެޝަނަލް ކެރިއަރު ކުރިއަށްގެންދެވޭނެ ލެވަލްގައި ކަމަށެވެ. އަދި، އޭނާ އަށް އާ ކޮންޓްރެކްޓެއް ދިނުމާ މެދު މިއާމީން ނިންމާ ގޮތެއް އަދި ހިއްސާކޮށްފައިނުވާ ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.
މިއާމީ އަށް މިހާތަނަށް ސުއަރޭޒް ކުޅެދިން 73 މެޗުން ވަނީ 36 ގޯލު ޖަހައި، 27 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
Comment