20 އޮގަސްޓު 2025 - 19:53 0
ލީވާން އަލީ ނާސިރު
އއ. ތޮއްޑޫ؛ އެ ރަށުގައި އެމްއެންޔޫގެ އެގްރިކަލްޗާ އެންޑް ފުޑް ސައިންސް ފެކަލްޓީއެއް ތަރައްގީކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު
20 އޮގަސްޓު 2025 - 19:53 0
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އެގްރިކަލްޗާ އެންޑް ފުޑް ސައިންސްގެ ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީ އއ. ތޮއްޑޫގައި ގާއިމުކުރަން ނިންމައިފި އެވެ.
އއ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ހަޔާ އެޑިއުކޭޝަންގެ މެދުވެރިކޮށް އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިސް އުފައްދައި، އެ ފެކަލްޓީ ތޮއްޑޫގައި ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.
"ހަޔާ އެޑިއުކޭޝަން ސިޔާސަތުގެ ތެރެއިން އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސް އުފައްދާ އެ ފެކަލްޓީގެ އިމާރާތް ގާއިމުކޮށް ހިންގާނީ މި ރަށުގައި ކަމަށް އަޅުގަނޑު ވާނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތޮއްޑޫގައި ގާއިމުކުރާ އެގްރިކަލްޗާ އެންޑް ފުޑް ސައިންސްގެ ފެކަލްޓީގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެ ކަމަށެވެ.
އެގްރިކަލްޗާ އެންޑް ފުޑް ސައިންސްގެ ފެކަލްޓީ ތޮއްޑޫގައި ގާއިމުކުރުމުން އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން އެ ރަށަށް ގޮސް ތައުލީމު ހާސިލުކުރުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރަށަށް ފައިދާތަކެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިކަން ވެގެންދާނީ އެތައް ގޮތަކުން ރަށަށް ތަރައްގީ ލިބޭނެ ކަމަކަށް. ތައުލީމީގޮތުން އެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިން މި ރަށަށް އައިސް އެ ތައުލީމު ހާސިލުކުރުމަށް އަދި އޭގެ ތެރެއިން އަންނާނެ ސީދާ އަދި ނުސީދާ އެތައް ފައިދާއެއް ރަށަށް،" މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ ދަނޑުވެރިކަމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ދާއިރާގެ ތަރައްގީއަށް ކަންކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment