Advertisement

ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކޮށްފި

20 އޮގަސްޓު 2025 - 19:23 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ށ. ޅައިމަގު. ސަސްޕެންޑު ކޮށްފައި ވަނީ އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ދެ މުވައްޒަފުން -- ފޮޓޯ: ޅައިމަގު ކައުންސިލް


ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކޮށްފި

20 އޮގަސްޓު 2025 - 19:23 3

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާތީ ށ. ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން 30 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.

ފެނަކައިން ސަސްޕެންޑު ކޮށްފައި ވަނީ އެ ރަށު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު، އާދަމް ރައުފް އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރު، މުހައްމަދު ޝަފީއު އެވެ. އެ ދެ މީހުން ވެސް ސަސްޕެންޑު ކުރިކަން އަންގައި ދީފައިވާ ލިޔުމުގައި ބުނެފައި ވަނީ އެމީހުން ސަސްޕެންޑު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ދެމީހުން ސަސްޕެންޑު ކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށެވެ.

ނަމަވެސް އަދަދު އިން ސުވާލު ކުރުމުން ޝަފީއު ބުނީ އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކު ވެސް މައްސަލައެއް ޖެހުނުކަން އޭނާއަށް ނޭނގޭ ކަމަށް ޝަފީއު ބުންޏެވެ.

"މިއަދު އަޅުގަނޑު ހަމަ އެހެން ދުވަހެކޭ ވެސް އެއްގޮތަށް އޮފީހަށް ދިޔައީ، ގޮސްފައި ސައިން އިންވެފައި ހަމަ ކޮފީއެއް ބޯން މަޑުކޮށްލާފައި އިރުކޮޅަކުން އިދާރީ ކުދިން ގޮވާލާފައި ބުނީ އެބަ އޮތޯ ސިޓީއެއް ހަވާލު ކޮށްލަންވެފައި، ދެން އަޅުގަނޑު ސިޓީއާ ހަވާލުވެފައި ސިޓީ ހުޅުވައިލިއިރު އޭގައި އޮތީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެއް މަސްދުވަހަށް ސަސްޕެންޑު ކުރި ވާހަކަ،" ޝަފީއު ބުންޏެވެ.

"އެއީ ކޮން މައްސަލައެއް ކަމެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް އެނގިފައެއް ނެތް، އަނެއްހެން މިހައިތަނަށް މައްސަލައެއް ޖެހިފައި އޮތް ކަން ވެސް އަޅުގަނޑަކަށް އެނގިފައެއް ނެތް، އަޅުގަނޑަށް މައްސަލައެއް ޖެހިގެން މީހަކު ނަސޭހަތެއް ދީފައި އޮތްކަން ވެސް އެނގޭކަށް ނެތް. އެހެންވީމާ އަޅުގަނޑަކަށް ނޭނގެ ކޮން މައްސަލައެއް ކަމެއް އެއީ."

ޝަފީއު ބުނީ އޮފީހުގައި އެއްވެސް މައްސަލައެއް ނުޖެހެނީސް، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އޭނާ އާއި ރައުފް ސަސްޕެންޑު ކުރީ ސިޔާސީ ހިޔާލުތަފާތުވުންތަކާ ގުޅިގެން ކަމަށެވެ.

"[ވަޒީފާއިން ސަސްޕެންޑު ކުރި] ސަބަބެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ހަމަ ސިޔާސީ ހިޔާލުތަފާތުވުން، އަޅުގަނޑުމެން ވާހަކައަކީ ޕީއެންސީ ފިކުރު ގަބޫލު ނުކުރުން، މި ސަރުކާރުގެ ސިޔާސަތުތަކާއި މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް އެހެން ދޭތެރެދޭތެރެއިން ބަސްބުނެ ވާހަކަދައްކައި އުޅޭތީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" ޝަފީއު ބުންޏެވެ.

ޝަފީއު ބުނީ އެ ރަށު ޕީއެންސީ ސްޓިއަރިން ކޮމިޓީގައި ހިމެނޭ މެންބަރުން އެތައް ފަހަރެއްގެ މަތިން މީގެ ކުރިން ވެސް އޭނާ އާއި ރައުފް މަގާމުން ވަކިކުރަން މަސައްކަތް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާގެ މަޖިލިސް މެންބަރަށް ވެސް ވަރަށް ބޮޑަށް އެކަމުގައި ޕްރެޝަރު ކޮށްފައިވާކަމަށް ޝަފީއު ބުންޏެވެ.

އެ ރަށުން ދެން ސަސްޕެންޑު ކުރި ރައުފް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.