Advertisement

އަތޮޅު ކައުންސިލް އުވާލުމަކީ ރާއްޖެއަށް ހާއްސަ ސިފައެއް އުވައިލުން، ނަތީޖާ ހުދުމުހުތާރުވާނެ: ވައްޑެ

20 އޮގަސްޓު 2025 - 10:25 5

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ްއުނގޫފާރު ދާއިރާގެ މެންބަރު ވަހީދު. ލާމަރުކަޒީ ނިޒާމު އުވާލަމުންދާތީ ކަންބޮޑުން ފާޅުކުރެއްވި --- ފޮޓޯ: އަދަދު ފައިލް


އަތޮޅު ކައުންސިލް އުވާލުމަކީ ރާއްޖެއަށް ހާއްސަ ސިފައެއް އުވައިލުން، ނަތީޖާ ހުދުމުހުތާރުވާނެ: ވައްޑެ

20 އޮގަސްޓު 2025 - 10:25 5

އަތޮޅު ކައުންސިލް އުވާލުމަކީ ރާއްޖެއަށް ހާއްސަ ސިފައެއް އުވައިލުން، ނަތީޖާ ހުދުމުހުތާރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅުތަކުން ސިލް ހޮވަން ވޯޓުލާން ނުޖެހޭނެ ކަމާއި އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ އއ. މަތިވެރީގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު އަށް ރައްދު ދެއްވުމުގެ ގޮތުން މުހައްމަދު ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ އިހުގެ ލޯމާފާނުތަކުން ވެސް އެނގެން އޮތީ ރާއްޖޭގެ އިދާރީ ބޭނުމަށް އަތޮޅުތަކެއްގެ ގޮތުގައި ރަށްތައް ގްރޫޕުކޮށްފައިވާ ކަން ކަމަށެވެ.

"އަތޮޅު އަކީ އިނގިރޭސި ބަހަށް ނަކަލުކުރެވިފައިވާ ހަމައެކަނި ދިވެހިބަސް. އަތޮޅު އުވާލުމަކީ ރާއްޖޭގެ ހާސް އަހަރުވީ މުހިންމު ސިފައެއް އުވާލުން،" އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ އުސޫލުގެ އެންމެ އަސާސީ އެއް ސިފައަކީ ސަރަހައްދީ ގޮތުން ކަންކަން ހިންގާ ބެލެހެއްޓުން. ރާއްޖޭގެ ސަރަހައްދުތައް ގޮތުގައި ޒަމާނުއްސުރެ ބަލަނީ އަތޮޅުތައް. އަތޮޅު ފެންވަރުގައި ޑިމޮކްރެޓިކް ގޮތް ނިންމުން އުވާލުމަކީ ވަރަށް މަރުކަޒީ އަދި ވަރަށް ހުދުމުހުތާރު ނަތީޖާތަކެއް ނުކުންނާނެ ކަމެއް."

އއ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މަތިވެރީގައި އިއްޔެ ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން،" ކަމަށެވެ.

"ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ގާނޫނުއަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނުއަސާސީ އިސްލާހު ނުކޮށެއް ނެތް މިކަމެއް ވާކަށް، އަތޮޅު ކައުންސިލްތައް އުވާލުމެއް،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރުމުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓުލާން ނުޖެހޭނެ ކަމަށެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ސެޕްޓެމްބަރު މަހު ފަހުކޮޅުގައި ފަށާނެ އެވެ.

އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. އަތޮޅު ކައުންސިލްތަކަކީ ޒަމާނުއްސުރެ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.