Advertisement

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ވަނަ ފަހަރަށް ހޯދި ސަލާހަށް ރެކޯޑެއް

20 އޮގަސްޓު 2025 - 05:51 0


ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ވަނަ ފަހަރަށް ހޯދި ސަލާހަށް ރެކޯޑެއް

20 އޮގަސްޓު 2025 - 05:51 0

ލަންޑަން (އޮގަސްޓް 20) - ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ވަނަ ފަހަރަށް ހޯދައި، ލިވަޕޫލްގެ މުހައްމަދު ސަލާހު ރެކޯޑެއް ހަދައިފި އެވެ.

ސަލާހު، 33، އަކީ މި އެވޯޑް ތިން ފަހަރެއްގެ މަތިން ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި ސަލާހު ދެއްކި މޮޅު ކުޅުމާ އެކު، ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވަނީ ސަލާހު އަށެެވެ.

މިދިޔަ ސީޒަނުގައި ސަލާހު، ވަނީ ހުރިހާ މުބާާރާތެއްގައި ކުޅުނު 52 މެޗުން 34 ލަނޑު ޖަހައި، 23 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސަލާހު ބުނީ މިދިޔަ ސީޒަނަކީ އޭނާގެ ކެރިއަރުގައި ތަފާތު ގޮތްގޮތުން ބެލިޔަސް ހާއްސަ އަހަރެއް ކަމަށެވެ.

އެންމެ ފުރަތަމަ ސަލާހަށް ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވި ސީޒަނުގަ އެވެ. އެއީ، 2017/2018 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް އޭނާ މި މަގާމު ހޯދީ، 2021/2022 ސީޒަނުގަ އެވެ.

ޕީއެފްއޭ އިން ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވަނީ، މާކް ހިއުސް، އެލަން ޝިއަރާ، ތިއަރީ އޮންރީ، ކްރިސްޓިއާނޯ ރޮނާލްޑޯ، ގަރެތު ބޭލް އަދި ކެވިން ޑި ބްރޭނާ އެވެ.

މި ފަހަރުގެ ޕީއެފްއޭ އެވޯޑްގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ އެވޯޑް ހޯދީ އެސްޓަން ވިލާގެ މޯގަން ރޮޖާސް އެވެ.

ޕީއެފްއޭ އިން ހޮވި ޑްރީމް ޓީމުގައި ހިމެނެނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލްގެ ސަލާހުގެ އިތުރުން، ވާޖިލް ވެން ޑައިކް، ރަޔާން ގްރަވެންބާކް އަދި އަލެކްސިސް މެކް އަލިސްޓާ އެވެ. ދެން، ހިމެނެނީ، އާސެނަލްގެ ވިލިއަމް ސަލީބާ، ގަބްރިއެލް މަގާޅައެސް އަދި ޑެކްލަން ރައިސް، ބޯންމައުތުގެ މިލޯސް ކާކޭޒް، ނޮޓިންހަމް ފޮރެސްޓްގެ މެޓް ސެލްސް އާއި ކްރިސް ވުޑް އަދި ނިއުކާސަލް ޔުނައިޓެޑްގެ އަލެކްސަންޑަ އިސާކް އެވެ.