Advertisement

ފޮރިން މިނިސްޓަރު ހަލީލު ދޮގު ހެދުމުން ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ޕީއެންސީ އިން ބޭރުކޮށްލައިފި

19 އޮގަސްޓު 2025 - 09:28 0


ފޮރިން މިނިސްޓަރު ހަލީލު ދޮގު ހެދުމުން ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ޕީއެންސީ އިން ބޭރުކޮށްލައިފި

19 އޮގަސްޓު 2025 - 09:28 0

"އިންޑިއާ އައުޓް" ޖެހި ޓީޝާޓެއް ލައިގެން މަގުމަތީގައި އުޅެފައިނުވާނެ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހުގައި ދޮގު ހެއްދެވުމުން ހުށަހެޅި އިމްތިޔާޒުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިމްތިޔާޒުގެ އެ މައްސަލަ ބޭރުކޮށްލީ ޕީއެންސީ މެންބަރުން އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދީގެންނެވެ. އެހެންކަމުން، މަޖިލީހުގައި ހަލީލު ދޮގު ހެދި މައްސަލަ މަޖިލީހަކުން ދެން ނުބެލޭނެ އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހަލީލު އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ.

އެ ފޮޓޯގައި ހަލީލު ހުންނަވަނީ މާސްކެއް އަޅައިގެންނެވެ. ސިޓީއާއެކު މީކާއިލް ވަނީ އެ ފޮޓޯ ވެސް މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފަ އެވެ. އަދި، މަޖިލީހުގެ ތަޅުމުގައި ދޮގު މައުލޫމާތު ދެއްވުމަކީ ކުށެއްކަން މީކާއިލް ވަނީ ފާހަގަކުރައްވާފައިވެ އެވެ.

އެ ދުވަހު މަޖިލީހަށް ހާޒިރުވުމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ހަލީލުއާ ސުވާލު އަމާޒުކޮށްފަ އެވެ.

އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަކީ ގޯހެއް ކަމަށް ހަލީލް ދެކެވަޑައިގަންނަވާތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ހަލީލް އިހުތިޔާރު ކުރެއްވީ އެމްޑީޕީއަށް ޖަވާބު ޑިފްލެކްޓް ކުރެއްވުމަށެވެ. އެމްޑީޕީ އިދިކޮޅުގައި އޮންނައިރު ކަންކަން ކުރަނީ ގައުމަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

"އަމިއްލަ މަސްލަހަތެއް ހިމާޔަތް ކުރުމަށް ކުރަން ހެޔޮވާވަރު ކަމެއް ނޫން ދިވެހި ރައްޔިތުންނާ ގައުމު ނިކަމެތިވާ ކަހަލަ ކަންކަން ކުރެއްވުމަކީ،" ހަލީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައުލޫމާތު އެމްޑީޕީން ބޭރުގެ ފަރާތްތަކާ ހިއްސާކުރުމުން ވެސް ހަލީލް އެ ދުވަހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނަމަވެސް، އިންޑިއާ އައުޓާ ގުޅޭގޮތުން ވާހަކަ ދައްކަން ހަލީލް ދެކޮޅު ހައްދަވައި ސުވާލަށް ޖަވާބެއް ނުދައްވަ އެވެ. އިންޑިއާގެ އެއްބަސްވުންތައް ހާމަކުރާނެތޯ ސުވާލު ކުރުމުން ވެސް ހަލީލަށް ޖަވާބެއް ނުދެވުނެވެ.