Advertisement

ކަސެމީރޯ ދެކޭގޮތުގައި ބެލޮންޑިއޯ ލިބެންޖެހޭނީ ސަލާހަށް

19 އޮގަސްޓު 2025 - 06:07 0


ކަސެމީރޯ ދެކޭގޮތުގައި ބެލޮންޑިއޯ ލިބެންޖެހޭނީ ސަލާހަށް

19 އޮގަސްޓު 2025 - 06:07 0

މެންޗެސްޓާ (އޮގަސްޓް 19) - ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހަކީ އޭނާ ދެކޭގޮތުގައި މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް އެންމެ ހައްގު ކުޅުންތެރިޔާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯ ބުނެފި އެވެ.

ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ސްކޮޑު ވަނީ އިއުލާނުކޮށްފަ އެވެ. ސަލާހު އެ ސްކޮޑުގައި ހިމެނޭއިރު، އެ އެވޯޑަށް ވާދަކުރާނެ ކަަމަށް އެންމެ ގަދަޔަށް ވާހަކަ ދެކެވެނީ، ބާސެލޯނާގެ ލަމީން ޔަމާލް އާއި ރަފީނިއާގެ އިތުރުން ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އެވެ.

ޖީކިއު އަށް ދިން އިންޓަވިއުއެއްގައި ކަސެމީރޯ ބުނީ، ބެލޮންޑިއޯ އެވޯޑް ލިބޭނެ ކުޅުންތެރިއަކު ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު، އޭނާގެ ވިސްނުމުގައި، މިދިޔަ ސީޒަނުގެ ކުޅުމަށް ބަލާއިރު، ބެލޮންޑިއޯ އެވޯޑް ސަލާހަށް ލިބެންޖެހޭ ސަބަބުު ކަސެމީރޯ ވަނީ ބުނެދީފަ އެވެ.

"އޭނަ (ސަލާހު) އަކީ ނުފޫޒަށް ބަލާއިރު މެޗުތަކަށް އެންމެ ރަނގަޅު ލެވަލެއްގައި ކުޅުން ދެއްކި ކުޅުންތެރިޔާ. ވަރަށް ގިނަ ގޯލު ޖަހައި، ވަރަށް ގިނަ ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކުރި. މިސާލަކަށް މިދިޔަ ސީޒަނުގައި ލިވަޕޫލަށް ނުލިބި ދިޔަ ޓްރޮފީއެއް، ޗެމްޕިއަންސް ލީގަކީ، އެ ގޮތަށް ދިމާވީ، ސަލާހުގެ ފޯމު އަޑިއަޅާލައިގެންނޭ ބުނެވިދާނެ،" ކަސެމީރޯ ބުންޏެވެ.

މިދިޔަ ސީޒަނުގައި ސަލާހު، 33، ވަނީ ހުރިހާ މުބާާރާތެއްގައި ކުޅުނު 52 މެޗުން 34 ލަނޑު ޖަހައި، 23 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވާއިރު، ސަލާހު، ބެލޮންޑިއޯ އެވޯޑްގެ އެންމެ މައްޗަށް ރޭންކް ކުރެވުނީ، ފަސް ވަނަ އަށެވެ. އެއީ، 2019 އާއި 2022 ވަނަ އަހަރު އެވެ.

ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ.

މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މި ފަހަރުގެ ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.