Advertisement

މަޝްރޫއުތައް ކުރިއަށްނުގެންދެވޭތީ ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 ގެ ނިޔަލަށް ދަންމާލައިފި

18 އޮގަސްޓު 2025 - 14:46 0

ފެން ހޮޅި އަޅަނީ.


މަޝްރޫއުތައް ކުރިއަށްނުގެންދެވޭތީ ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 ގެ ނިޔަލަށް ދަންމާލައިފި

18 އޮގަސްޓު 2025 - 14:46 0

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ފާސްކުރި ބިލު މިއަދު ތަސްދީގުކޮށްފި އެވެ.

ފެނާއި ނަރުދަމާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންނަ އޯގަސްޓު 5 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެ އެވެ. ނަމަވެސް، މުއިއްޒު ތަސްދީގުކުރި ބިލާއެކު އެ މުއްދަތު ހަމަވާނީ 2027 ގަ އެވެ.

އެ ބިލު ފާސްކުރީ މަޖިލިސް ޖަލްސާގައި ބައިވެރިވި 61 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން މުއްދަތު ދަންމާލުމާ ދެކޮޅު ސަބަބެއް ކަމަށް އެ މެންބަރުން ބުނީ ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް ނުހިނގާތީ އެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ބަދަލުކޮށް ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު އިތުރު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ މައްސަލަ ފާހަގަކޮށްފަ އެވެ.

އެ މައުލޫގައި ވާހަކަ ދައްކަވަމުން މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވެސް ވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފެނާއި ނަރުދަމާ ނިޒާމުތައް އެޅުމުގެ މަސައްކަތް ކުރިން ނިންމަން އޮތް ތާރީހަކީ އަންނަ އަހަރެވެ. މި ގޮތުން ކުރީ ސަރުކާރުން ވަނީ އެ ނިޒާމު ގާއިމުނުކުރެވިވާ 39 ރަށެއްގެ މަސައްކަތް ޑިސެމްބަރު 29، 2021 ގައި ހަވާލުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް އަދި ވެސް ނުނިމެ އެވެ.