Advertisement

ފުވައްމުލަކަށް ސާފު ފެން ނުލިބޭ ވާހަކައަކީ ދޮގެއް ކަމަށް ބުނެ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެންބަރު 2025 - 09:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މަޖިލީހުގެ ރިޔާސަތުގައި: އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކަށް ސާފު ފެން ނުލިބޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފުވައްމުލަކަށް ސާފު ފެން ނުލިބޭ ވާހަކައަކީ ދޮގެއް ކަމަށް ބުނެ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެންބަރު 2025 - 09:29 0

ޏ. ފުވައްމުލަކަށް މިވަގުތު ސާފު ފެން ނުލިބޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުގެ ފުުރުސަތު ދޭން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެކޮޅު ހައްދަވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ ކަމަށްވާ ފުވައްމުލަކަށް ސާފު ފެން ނުލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަޅަން ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އަދި އެކަމާމެދު ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ.

ފުވައްމުލަކަށް ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުކުރު ދުވަހު ބުނެފައިވާތީ، މި މައްސަލާގައި ބުނާ ހާލަތަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، ފުވައްމުލަކުން ފެން ކަނޑާލުމަށްފަހު ފެން ދޫކުރަން ފެށި ފަހުން އަންނަނީ ސާފުނޫން، ކިލަނބު ފެން ކަމަށާއި އެ ފެނުގެ ވަސް ދުވާ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ވަނީ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެފަ އެވެ.

ފުވައްމުލަކުގައި މިހާރު ދޫކުރާ ފެނުގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު އެ ރަށަށް ދޫކުރަމުންދާ ފެން ހުރީ ވަރަށް ބޮޑު ކިލަނބުކޮށެވެ. ބައެއް ގޭގެއަށް ދޫކުރާ ފެން ހުރީ އެއްކޮށް ހުދު ކުލައިގަ އެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10، ގަ އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ނަމަވެސް، އޭގެ ފަހުން ދޫކުރަމުންދާ ފެން ތަޣައްޔަރުވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފުވައްމުލަކުގެ ފެން ތަޣައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ޝަކުވާތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ.