Advertisement

ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 ގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި

11 އޮގަސްޓު 2025 - 11:16 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނަރުދަމާ އެޅުމަށް ބޭނުންކުރާ ހޮޅިތަކެއް. 2027 ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ހުންނާނީ ގާއިމުވެފައި --- ފޮޓޯ: އަދަދު ފައިލް


ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 ގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި

11 އޮގަސްޓު 2025 - 11:16 0

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްފި އެވެ.

ފެނާއި ނަރުދަމާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އަންނަ އޯގަސްޓު 5 ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަންޖެހެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތު 2027 ގެ ނިޔަލަށް އިތުރު ކުރަން ހުށަހަޅައިފަ އެވެ.

މި ބިލު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 61 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން މުއްދަތު ދައްމާލުމާ ދެކޮޅު ސަބަބެއް ކަމަށް އެ މެންބަރުން ބުނީ ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް ނުހިނގާތީ އެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ބަދަލުކޮށް ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު އިތުރު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ މައްސަލަ ފާހަގަކޮށްފަ އެވެ.

އެ މައުލޫގައި ވާހަކަ ދައްކަވަމުން މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވެސް ވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފެނާއި ނަރުދަމާ ނިޒާމުތައް އެޅުމުގެ މަސައްކަތް ކުރިން ނިންމަން އޮތް ތާރީހަކީ އަންނަ އަހަރެވެ. މި ގޮތުން ކުރީ ސަރުކާރުން ވަނީ އެ ނިޒާމު ގާއިމުނުކުރެވިވާ 39 ރަށެއްގެ މަސައްކަތް ޑިސެމްބަރު 29، 2021 ގައި ހަވާލުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް އަދި ވެސް ނުނިމެ އެވެ.