Advertisement

ތޯހާއަށް 75 މާކްސް ހަމަނުވީ ކޮމިޓީއަށް މެންބަރުން ހާޒިރުނުވުމުން ކަމަށް ވެދާނެ: ފަލާހު

18 އޮގަސްޓު 2025 - 12:49 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މެންބަރު ފަލާހު އަދި ތޯހާ. އޭނާއަށް ލިބުނީ 53 މާކްސް ކަމަށްވުމުން އޭނާގެ ނަމަށް ވޯޓަށް އަހާފައި ނުވޭ.


ތޯހާއަށް 75 މާކްސް ހަމަނުވީ ކޮމިޓީއަށް މެންބަރުން ހާޒިރުނުވުމުން ކަމަށް ވެދާނެ: ފަލާހު

18 އޮގަސްޓު 2025 - 12:49 1

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަނު ކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާގެ ނަމަށް ތަޅުމުގައި ވޯޓަށް އެހޭ ވަރަށް މާކްސް ނުލިބުނީ ނަންތައް ދިރާސާ ކުރި ކޮމިޓީގެ ބައްދަލުވުމަށް ބައެއް މެންބަރުން ހާޒިރު ނުވުމުން ކަމަށް ވެދާނެ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޓީން ކުރި އިންޓަވިއުގައި، ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު ތޯހާއަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް، ތޯހާގެ ކުރީގެ އަނބިކަނބަލުން ކަމަށްވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އާމިނަތު ހުސައިން ޝަރީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ކޮމިޓީން ފާސްކުރީ މުހައްމަދު ޝަފީގް މަހްމޫދު، މ. ޕޮޕީ، ގެ ނަމެވެ. އޭނާއަށް 83 މާކްސް ލިބުނުއިރު ތޯހާއަށް ލިބުނީ 53 މާކްސް އެވެ. އެހެންވެ ތޯހާގެ ނަން ތަޅުމަކަށް ނުފޮނުވަ އެވެ.

"ކޮމިޓީގައި ތިއްބަވާ 11 މެންބަރުންގެ ތެރެއިން އެ ދުވަހުގެ ކޮންމެވެސް ސަބަބުތަކާ ހުރެ ތިން މެންބަރަކަށް ހާޒިރުވެވިފަކާ ނެތް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަހަރެއްގައ ކޮމިޓީގެ ފުލް މެޖޯރިޓީ އޮވެގެން ކުރާ މަސައްކަތެއްގެ ތެރޭގައި 75 މާކްސް ލިބިފައިނުވާ ބޭފުޅާއަށް 75 މާކުން މަތި ލިބުމަކީ އެކަށީގެންވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ.

އެ ތިން މެންބަރުން މާކްސް ދޭނީ ކިހިނެއް ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި ހުރިހާ މެންބަރުން ހަމަވެގެން ރިޕޯޓު އެކުލަވައިލި ނަމަ ތޯހާއަށް 75 މާކްސް ނުވަތަ 80 މާކްސް ވެސް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

އެ ނަންތައް ދިރާސާކުރަން ދެ ބައްދަލުވުމެއް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި އެވެ. މާކްސް ދިން ކޮމިޓީ ބައްދަލުވުމަށް ހާޒިރު ނުވާ ތިން މެންބަރަކު ތިއްބެވި އެވެ. އެއީ؛

  1. މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ
  2. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު
  3. މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

އެ އިންޓަވިއުގައި ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ފަޒީލް ވިދާޅުވީ އެޗްއާރްސީއެމަށް އައްޔަންކުރަން މުއިއްޒު ފޮނުއްވި ދެ ނަމަށް ވެސް ގިނަ ޝަކުވާތަކެއް ލިބިފައި އެބަ އޮތް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ގެވެށި އަނިޔާގެ ތުހުމަތު ވެސް ހިމެނޭތީ އެފަދަ ތުހުމަތެއް ތޯހާއަށް އޮތްތޯ ސުވާލު ކުރި އެވެ.

ފަޒީލު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި މިހާތަނަށް ކުރިމަތިވެގެން އެއްވެސް އިދާރާއަކަށް އޭނާ ހާޒިރުކޮށްފައި ނުވާ ކަމަށެވެ.