Advertisement

ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރަނީ ހަ ގައުމު

18 އޮގަސްޓު 2025 - 10:23 0

އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން،--- ފޮޓޯ: ނަވާޒް އައްސަދު / ހޭންޑްބޯލް މޯލްޑިވްސް


ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރަނީ ހަ ގައުމު

18 އޮގަސްޓު 2025 - 10:23 0

އަންނަ ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗްހޭންޑްބޯލް މުބާރާތުގައި، ފެނިގެންދާނީ އަށް ގައުމެއް ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.

ރަސްމީކޮށް ރާއްޖޭގައި ބޭއްވޭ ޓީމު ސްޕޯޓްގެ ބީޗް އެންމެ ބޮޑު މުބާރާތަކީ، އަންނަ މަހުގެ 18-22 އަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާނެ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން އިއުލާނުކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، ސްރީ ލަންކާ އަދި ދެކުނު އެފްރިކާ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ޓާގެޓްކުރީ އަށް ގައުމާ އެކު މުބާރާތް ބޭއްވުމަށް ކަމަށެެވެ. އެކަމަކު، އެ އަދަަދަށް ގައުމު ބައިވެރިނުވުމުގައި ސަބަބުތަކެއް ވެސް ދިމާވިކަން މުޖުތަބާ ފާހަގަކުރެއްވި އެވެ.

މުޖުތަބާ ވިދާޅުވީ، ބައިނަލްއަގުވާމީ މުބާރާތެއް ހަ މަސް ކުރިން އިއުލާނުކުރަނީ ވީހާވެސް އަވަހަށް ކަންކަން ރާވައި މުބާރާތް ފުރިހަމަކޮށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެކަމަކު، އެ ދީީފައި އޮތް މުއްދަތު ފަހަނައަޅައި ގޮސް، މިދިޔަ މަހުގެ 21 ގައި ކޮމަންވެލްތުން ނިންމީ އެ ހިސާބުން ބައިވެރިވާން ދީފައި އޮތް ފުރުސަތު ނިމުމަކަށް ގެނެސް، ޔަގީންކަން ދީފައި އޮތް ގައުމުތަކާ އެކު ކުރިއަށް ދިއުމަށް ކަމަށް މުޖުތަބާ ފާހަގަކުރެއްވި އެވެ.

"ނައިޖީރިއާ، ކެނަޑާ އާއި ކެންޏާ ފަދަ ގައުމުތަކުން ވެސް ރެޑީވަމުން އައީ، އެކަމަކު، އެ ގައުމުތަކުގެ ބަޖެޓް ހަމަނުޖެހި ހުރީމަ ކަނޑައެޅި ވަގުތު ތެރޭގައިނުވީ. އެކޮޅުން އެދެމުން އައީ ބައިވެރިވާން ދީފައި އޮތް މުއްދަތު އިތުރުކޮށްދޭން، އެކަމަކު މުބާރާތަށް ދެ މަހަށް ކުޑަތަންވީމަ އެ ފުރުސަތު އެއްކޮށް ބަންދުވީ ދެން،" މުޖުތަބާ ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރަން ހޭންޑްބޯޅައިގެ އިންޓަނޭޝަނަލް ފެޑެރޭޝަނުން ވެސް ބޭނުންނުވާ ސަބަބުތަކެއް އެބައޮތެވެ. އެއީ، އެ ފެޑެރޭޝަނުން ވާންޖެހޭ ތައްޔާރީތަކާއި މީގެ ކަންކަން މެނޭޖްކުރުމުގައި ދަތިތަކެއް ކުރިމަތިވާތީވެ، އޮފިޝަލުން ފޮނުވުމުގެ ކަންކަމާއި މުބާރާތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންޓަނޭޝަނަލް ފެޑެރޭޝަނާއި ހޯސްޓް ކުރާ ގައުމުގެ ގޮތުގައި ރާއްޖޭން ވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމެވެ.

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސްކޮޑު އެކުލަވާލުމަށް ސިލެކްޝަން ޓްރަޔަލްތަކެއް، މާލެ އާއި ކުޅުދުއްފުށި ސިޓީގައި ވެސް ކުރިއަށްދިޔަ އެވެ. މުޖުތަބާ ވިދާޅުވީ، ސްކޮޑު ފައިނަލް ކުރުމުގެ ކަންކަން ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ.

މުބާރާތުގެ ތައްޔާރީތައް ކުޅުދުއްފުށި ސިޓީގައި ވަރަށް ފޯރީގައި ކުރިއަށްދާނެ ކަމަށެވެ.

"ތައްޔާރީތައް ރަށުގައި ވަރަށް ރަނގަޅަށް އެބަދޭ. މި ކޮޅުން (ހޭންޑްބޯލް މޯލްޑިވްސް އިން) ވާން ޖެހޭ ތައްޔާރީތަކަށް މަސައްކަތް ކުރުން ވެސް ކުރިއަށް އެބަދޭ. ކުޅުދުއްފުށީގެ ރައްޔިތުންގެ އެއްބާރުލުން ފުރިހަމަ އަށް ލިބޭ، ހޭދަ ވެސް ކުރޭ އެ ކޮޅުން، އަހަރެމެން ކަމެއް ކުރާނެ، ކަމަށް ސަރުކާރުން ކުރާނެ ކަމަށް އެކޮޅުން މަޑުޖެހިފައި އޮތް ކަމެއް އަދިއެއް ނެތް،" މުުޖުތަބާ ވިދާޅުވި އެވެ.

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ޕީއެސްއެމް އިން ދައްކާ ގޮތަށް ވާހަކަ ދެކެވެމުން އަންނަ ކަމަށާއި އޭގެ ސަބަބުން މުބާރާތް ވީހާވެސް ގިނަ ބަޔަކަށް ފެނިގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.