Advertisement

މުއިއްޒުއަށް އިތުރު ބާރުތައް ލިބިދެވޭ ގޮތަށް އޭޖީ އޮފީހުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

17 އޮގަސްޓު 2025 - 19:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މުއިއްޒުއަށް އިތުރު ބާރުތައް ލިބިދެވޭ ގޮތަށް އޭޖީ އޮފީހުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

17 އޮގަސްޓު 2025 - 19:16 0

އެޓާނީ ޖެނެރަލް އޮފީހުގެ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްމައްޗަށް ނެގުމަށް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް ގެނައި ބަދަލުގެ ބިލު އެމަނިކުފާނު ތަސްދީގުކުރައްވައިފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ބަދަލުތައް ހިމެނެ އެވެ.

މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މުއިއްޒުއަށް އިތުރު ބާރުތަކެއް ދިނުމަށް ބިލު ފާސްކުރަން 65 މެންބަރުން ވޯޓު ދިނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ ހަތަރު މެންބަރުންނެވެ. ކޮމިޓީ މަރުހަލާގައި ބިލަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ. މިގޮތުން އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ބިލެއް ހުށަހެޅީ އެ ގާނޫނު ފާސްކޮށް ތަސްދީގުކުރިތާ މަހެއް ނުވަނީހެވެ.

ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް ސަރުކާރުން އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށް، އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބެން ޖެހޭގޮތަށް މާއްދާއެއް ހިމަނާފައި ވެ އެވެ.

ހަމައެހެންމެ، ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައި ވެ އެވެ.

ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެންނަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މި ބިލު ތަސްދީގު ކުރުމާ އެކު ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވާނެ އެވެ.

އޭޖީ އޮފީހުގެ ގާނޫނު ކުރިން ތަސްދީގު ކުރިއިރު އަމަލުކުރަން ފަށަން ކަނޑައަޅާފައި އޮތީ ތަސްދީގުކުރާތާ 90 ދުވަހުން ފެށިގެންނެވެ. އެކަމަކު އަލަށް ގެނައި އިސްލާހުތަކާއެކު މިހާރު ބިލު ތަސްދީގުކޮށްފައި ވަނީ މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރާ ގޮތަށެވެ.