Advertisement

ގާސިމާ މެދު ފަލާހު ދެކޭ ގޮތް ބަދަލުވެއްޖެ, މިހާރު އެއީ ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ލީޑަރެއް

17 އޮގަސްޓު 2025 - 15:05 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އަދި ގާސިމް. މީގެ ކުރިން ފަލާހު ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ---


ގާސިމާ މެދު ފަލާހު ދެކޭ ގޮތް ބަދަލުވެއްޖެ, މިހާރު އެއީ ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ލީޑަރެއް

17 އޮގަސްޓު 2025 - 15:05 2

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީހުންނަށް އެހީވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް މީގެ ކުރިން ވިދާޅުވުމަށް ފަހު މިހާރު އޭނާއަކީ ރައްޔިތުންނަށް ހެޔޮއެދޭ ލީޑަރެއްގެ ގޮތުގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ސިފަކުރައްވައިފި އެވެ.

ލޯކަލް ކައުންސިލްތަކަށް ލިބިދީފައި އޮތް ވަރަށް ގިނަ ބާރުތައް ހަނިކޮށް ފާސް ކުރި އިސްލާހުތަކަށް ތާއީދު ކުރައްވައި ގާސިމް ވަނީ މިއަދު ބަޔާނެއް ނެރުއްވާފަ އެވެ. އެއަށް ސާބަސް ދެއްވައި ފަލާހު ކުރެއްވި ޓްވީޓެއްގައި ގާސިމްއަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

"މީ ގައުމަށް ހެޔޮއެދިގެން ރައްޔިތުންނަށް ހެވެއް އެދިގެން އަމިއްލަ މަސްލަހަތު އެއްކިބާކޮށް ބަސް އިއްވާ ލީޑަރުން. ހަގީގަތުގައި ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ރައްޔިތުންގެ ހައްގުތައް ނުގެއްލި ހުރިހާ ފައިދާއެއްއޮތީ ރައްޔިތުންނަށް،" ފަލާހު ވިދާޅުވި އެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ މަޝްރޫއު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު އިސްލާހުތަކެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ގާސިމް އިބްރާހިމާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތަކެއް ފަލާހު ވަނީ ދައްކަވާފަ އެވެ. އޭރު ވެސް އޭނާ ހުންނެވީ އިނގުރައިދޫ ދާއިރާގެ މެންބަރުގެ މަގާމުގަ އެވެ. ނަވާރަވަނަ މަޖިލީހަށް އޭނާ އިންތިހާބު ނުވި ނަމަވެސް މިފަހަރު ގޮނޑި ކާމިޔާބުކޮށް ޕީޖީ ލީޑަރަކަށް ވަޑައިގެނނެވި އެވެ.

ގާސިމްއާ ގުޅޭގޮތުން ފަލާހު ދައްކަވާފައިވާ ބައެއް ވާހަކަތައް

"އެއް ދުވަހު ޓީވީއަށް އަރާފައި ތިމަންނަ މިހިރީ މައުމޫނު ކައިރީއޭ ވިދާޅުވިއްޔާ އަނެއްދުވަހު ވިދާޅުވާނެ ތިމަންނަ މިހިރީ އެހެން ގޮތަކަށޭ. އަނެއް ދުވަހު ތިމަންނަ މިހުރީ މިވެނި ގޮތަކަށޭ ބުނިއްޔާ އަނެއް ދުވަހު ބުނާނެ ތިމަންނަ މިހިރީ ރައީސް ނަޝީދު ކައިރިއޭ،" ނޮވެމްބަރު 13، 2016 ގައި ފަލާހު ވިދާޅުވެފައި ވެ އެވެ.

"އެ ބޭފުޅާ (ގާސިމް އިބްރާހިމް) އެބަ ހުއްޓޭ އެ ބޭފުޅާގެ ހަރަދުގައި ކިޑްނީ ބަދަލުކޮށްދީފަ ހުރި މީހުންގެ ވާހަކަ ދައްކައި ކަލަ ގޮވާފަ. މިއީތޯ ހެޔޮ ކަމަކީ. ހެޔޮކަން ކޮށްދިނީ ވެސް ވެރިކަމުގެ ބޭނުމުގައި. ހުރިހާ ކަމެއްވެސް ކޮށްދިނީ ވެރިކަމުގެ ބޭނުމުގައި،" އޮގަސްޓު 29، 2017 ގައި "ރުމާލު 2" ޖަގަހައިގައި ފަލާހު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ބައްލަވާ އެމަނިކުފާނުގ އެއާޕޯޓް. އެމަނިކުފާނުގެ އެއާޕޯޓް ވަހީދުގެ ވެރިކަމުގައި އެ އޮތީ 100 އަހަރަށް އެގްރިމެންޓް އާކޮށްފައި. މި ކަހަލަ ފައިދާތައް ނުލިބޭތީ މި ހަޅޭއްލަވަނީ. ރައީސް ޔާމިން ކަމުނުގޮސްގެނެއް ނޫން. ކޮބައިތޯ ދައުލަތައް ދައްކަން ޖެހޭ 170 މިލިއަން ޑޮލަރު. މީރާއިން އެއޮއް ދުވަނީ. އެ ފައިސާ ދައްކަން ވީ ނޫންތޯ،" އޮގަސްޓު 29، 2017 ގައި ޔާމީން ވެސް ބައިވެރިވި "ރުމާލު 2" ޖަގަހަ ޖަލްސާގައި ފަލާހު ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމް މިދިޔަ ރިޔާސީ އިންތިހާބު ތަކުގައި ހަރަދުކުރި ފައިސާއަކީ ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ އޭ. އެ ފައިސާ ހަރަދުނުކޮށް ރިޔާސީ އިންތިހާބަކަށް ގާސިމް އިބްރާހިމް ނުކުމެއްޖެކަމަށްވާނަމަ އޭނާއަށް 2000 ވޯޓު ވެސް މިރާއްޖެއިން ނުލިބޭނޭ،" ސަލާމަތީ ބާރުތަކާއެކު ރައްޔިތުން ނަމުގައި ޔާމީންގެ ކެމްޕޭން އޮފީސް ކުރިމަތީގައި ފެބްރުއަރީ 28، 2018 ގައި ބޭއްވި ޖަލްސާއެއްގައި ފަލާހު ވިދާޅުވި އެވެ.