17 އޮގަސްޓު 2025 - 13:51 0
ލީވާން އަލީ ނާސިރު
ރާއްޖޭގައި މަސްވެރިކަން ކުރުން: މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: ޒުވާން މަސްވެރިޔާ
17 އޮގަސްޓު 2025 - 13:51 0
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރެ، ކަމާއި ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މަސްވެރިކަމުގެ ސިނާއަތުގައި ޝައުގުވެރިވާ 24 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އެ މީހަކީ މަސްވެރިންގެ ދަފްތަރުގައި ހިމެނިފައި ނުވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައި ވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު އޮގަސްޓް 27، ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވާން ފުރުސަތު ލިބޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ތަމްރީން ޕްރޮގްރާމުގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ އެވެ.
"ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުލަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އަޅަނދެއްގައި އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނެގެނި ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭނެ،" މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ޒުވާނަކަށް ވެސް ހަމަޖެހިފައިވާ އުސޫލުން އެލަވަންސެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން [email protected] ނުވަތަ [email protected] އަށް މެއިލް ކޮށްގެން އަދި ކޮޕީ [email protected] ފޮނުވަން ވަނީ އެދިފަ އެވެ.
ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3339276 އަށް ގުޅުމަށް ފިޝަރީޒް އިން އެދެ އެވެ.
Comment