17 އޮގަސްޓު 2025 - 13:58 3
މުހައްމަދު ޝަހްޒާން
ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނު ކުރި ނަވީޒު -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
17 އޮގަސްޓު 2025 - 13:58 3
ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަނެއްކާ ވެސް ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ނ. ވެލިދޫ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވީ މުހައްމަދު ނަވީޒު އެވެ.
އެ މަގާމަށް އޭނާ އައްޔަނު ކުރުމާ ގުޅިގެން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ މުއިއްޒުގެ ވައުދެކެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ތަފްސީލު ހާމަކުރަމުން ނުގެންދެ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 3000 އާ ގާތްކުރާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރުމުން ސަރުކާރުން އިއުލާނުކޮށްފައިވަނީ މިހާރު ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމުގަ އެވެ. އެހެންނަމަވެސް މި މައުލޫމާތު ކަށަވަރުކުރެވޭނޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބީ 922 ސިޔާސީ މުވައްޒަފުންކަމަށް ސަރުކާރުން ބުނާއިރު ރައީސް އޮފީހާއި މުލިއާގޭގެ ސިޔާސީ މުވައްޒަފުންގެ އަދަދު އެއްވެސް ގޮތަކަށް ހާމަކޮށްފައެއް ނުވެ އެވެ. އެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ކުރުން ހުއްޓައިލީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށި ފަހުންނެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަމަށް ބުނެ ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައި ވަނީ ސައްހަ އަދަދެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މެއި 3، ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނުސީދާކޮށް މުއިއްޒު ވިދާޅުވި ސިޔާސީ މުވައްޒަފުންގެ އަދަދާ ވެސް އެ އަދަދު ދިމައެއް ނުވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ޖުމުލަ އަދަދަކީ "ގާތްގަނޑަކަށް" 49،000 މީހުން ކަމަށެވެ. އޭގެ ތެރެއިން ސިޔާސީ މީހުންގެ އަދަދަކީ ތިން ޕަސެންޓު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ހިސާބަށް ބަލާ ނަމަ މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1470 މީހުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment