19 އޮގަސްޓު 2025 - 14:28 0
އަމަން ހަލީމް
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
19 އޮގަސްޓު 2025 - 14:28 0
ޑޮލަރުން ދައްކަން ޖެހޭ ޓެކްސްތަކާއި ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުއްޔާއި ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ އާމްދަނީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރި ފައިސާގެ އެއްކޮށްލައިގެން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އެއް ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އަދަދު ނޫހުން މި ހިސާބުތައް ހެދީ އެމްއެމްއޭއިން ހާމަކޮށްފައިވާ މައުލޫމާތާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ރިޕޯޓުތަކުގައި ހުރި މައުލޫމާތަށް ބިނާކޮށެވެ. އެ މައުލޫމާތުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް މަސް ނިމުނުއިރު، 1.1 ބިލިއަން ޑޮލަރު ވަނީ ވަދެފަ އެވެ.
އަހަރުގެ މިހާތަނަށް ޑޮލަރުން ލިބުނު އަދަދަކީ މިދިޔަ އަހަރު މުޅި އަހަރުގެ ތެރޭގައި ޓެކްސް އާއި ޓެކްްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މި އަހަރުގެ ބާކީ އަދި ފަސް މަސް އޮތް އިރު، އިގުތިސޯދަށް ބޮޑު ލޮޅުމެއް ނާންނަ ހާލަތުގައި، 1.5 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެ ވެ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޑޮލަރުތަކުގެ ބޮޑު ބަޔެއް ލިބުނީ، އެއީ ޑޮލަރުން ލިބުނު އާމްދަނީގެ 70 ޕަސެންޓު ނުވަތަ 700 މިލިއަން ޑޮލަރު، ޓޫރިޒަމް ޓެކްސް (ޓީޖީއެސްޓީ އާއި ގްރީން ޓެކްސް) ތަކާއި އެއާޕޯޓު ޑިޕާޗާ ޓެކްސްއިންނެވެ. ދެން އެންމެ ގިނަ ޑޮލަރު ވަނީ ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކާއި ބޭންކުތަކަށް މާރުކުރި ޑޮލަރުގެ ތެރެއިން، އެމްއެމްއޭއަށް މާރުކުރި ފައިސާއިންނެވެ.
ޑޮލަރުން ލިބުނު އާމްދަނީ (ޖެނުއަރީ 2025 އިން ޖުލައި 2025 އަށް)
ޑޮލަރުން ލިބުނު އާމްދަނީ ރެކޯޑު އަދަދަކަށް އިތުރުވީ، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރަން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި ފިޔަވަޅުތަކުގެ ދަށުން ކުރި ކަމަކީ ޓޫރިސްޓުންގެ އަތުން ނަގާ އެކިއެކި ޓެކްސްތައް އިތުރުކުރުމެވެ. މި ޓެކްސްތައް އިތުރުކުރި ނަމަވެސް ޓޫރިޒަމް ސިނާއަތުގެ ދުވެލި ރަނގަޅު ވަރެއްގައި ހިފެހެއްޓިފައި ހުރުމުން އާމްދަނީ އިތުރުވީ އެވެ.
ޑޮލަރުގެ އާމްދަނީ ރެކޯޑު މިންވަރަކަށް އުފުލުނުއިރު، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ވެސް ލިބެނީ ރެކޯޑު އަގެއްގަ އެވެ. ޑޮލަރެއްގެ އަގު 20ރ. އިން މަތީގައި ހުންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އާމްދަނީ އިތުރު ވިޔަސް ޑޮލަރުގެ އަގު ދަށަށް ނުދާ ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ ޑޮލަރުގެ ސަޕްލައިއަށް ވުރެ ޑިމާންޑު އިތުރު ޒަމާންވީ މައްސަލަ އެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި އަހަރުގެ މިހާތަނަށް ވެސް ލިބުނު ގިނަ އަދަދެއްގެ ޑޮލަރުތައް ވަނީ ލޯނު ދައްކާށާއި އާންމުންނަށާއި ވިޔަފާރިތަކުގެ ބޭނުންތަކަށާއި އަސާސީ ބާވަތްތައް ގެންނަން ހަރަދުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment