17 އޮގަސްޓު 2025 - 13:44 0
އަހުމަދު އާއިދު
ފުށިދިއްގަރުފަޅު ހިއްކަން ފެށި ދުވަހު މުއިއްޒުގެ ދެ ކަނބަލުން އެ ފަޅުގެ ބޭރުގައި އަޅާފައި އޮތް ލޯންޗެއްގައި ތިބެ އެ ފަޅަށް ބައްލަވަނީ --- ފޮޓޯ: ރައީސް އޮފީސް
17 އޮގަސްޓު 2025 - 13:44 0
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިތާ 600 ދުވަސް ވީއިރު، ހިއްކަން ނިންމި ބިމުން ހިއްކުނީ އެންމެ 129 ހެކްޓަރުކަން އެނގިއްޖެ އެވެ.
އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ބުނެ ރަސްމާލޭގެ ބިން ހިއްކަން ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. ރަސްމާލެ ތަރައްގީކުރަން މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރު ފަޅުން ހިއްކަނީ 1153 ހެކްޓަރުކަން އެ ދުވަހު އިއުލާނު ކުރެއްވީ މުއިއްޒު އެވެ.
ނަމަވެސް، ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވަނީ މިހާތަނަށް ހިއްކުނީ 129 ހެކްޓަރު ކަމަށެވެ. އެއީ ހިއްކަން ކަނޑައެޅި ޖުމްލަ ބިމުގެ އެންމެ 11 ޕަސެންޓެވެ.
600 ދުވަސް، ނުވަތަ 20 މަހުން ރަސްމާލެ ހިއްކުމުގެ ބޮޑު ބައެއް ނުނިމި އޮތްއިރު، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެންމެ ފަހުން ކުރަމުންދިޔަ ޑްރެޖަރަށް ސަރުކާރުން ފައިސާ ނުދޭތީ މަސައްކަތް ހުއްޓައިލުމަށްފަހު ވަނީ ގޮސްފަ އެވެ.
ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.
ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.
އޮގަސްޓު 8، އާއި ހަމައަށް ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރުން ހިއްކިފައިވާ ބިން ފެންނަ ސެޓްލައިޓު ފޮޓޯއެއް --- ފޮޓޯ: ސެންޓިނަލް
މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ އެވެ.
ރަސްމާލެ ހިއްކުމަށް ކުރިން ބޭނުންކުރަމުން ގެންދިޔައީ ލަކްސެމްބާގްގެ ދިދައިގައި ދަތުރުކުރާ ޑްރެޖަރެއް ކަމަށްވާ "ފްރާންސިސް ބިއުފޯ" އެވެ. ފަހުން ހިއްކި 100 ހެކްޓަރު ހިއްކީ އެ ޑްރެޖަރުންނެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ނުވަ މަސް ދުވަސް ހޭދަވި އެވެ.
ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް ހިއްކާ ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ނަމަވެސް ހިއްކުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓު ދައްކަން އެމަނިކުފާނު މިދިޔަ މަހުގެ ތެރޭގައި އެންގެވި އެވެ.
އަދި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
މިކަންކަން އެނގިފައިވަނީ ރަސްމާލެ މަޝްރޫއަށް ފައިސާ ހޯދުން އަވަސްކުރަން އެދި ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ އަކުންނެވެ.
އެ ސިޓީގައި ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދެއްކުމަށް ލޯނު ނަގަނީ ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. ލޯނުތައް ނެގުމަށްފަހު އެ ފައިސާ ދޫކުރަނީ މި މަޝްރޫއު ހިންގާ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެއްވެެގެން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (މިޑް ފްރީ ޒޯން) އަށެވެ.
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑުން ނެގުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ލޯނު
އެމްއޭސީއެލް އިން ނެގުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރުގެ ލޯނު
އެސްޓީއޯ އިން ނެގުމަށް ހަމަޖެހިފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު
މި ތިން ލޯނުގެ ޖުމްލަ އަކީ 600 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ގުނާނަމަ 9.3 ބިލިއަން ރުފިޔާ އެވެ. މިފަދަ ޕްލޭނެއްގެ ދަށުން ލޯނު ނަގައިގެން ރަސްމާލެ ހިއްކަން ނިންމާފައިވާ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ފެތުރުނެވެ.
މި އަދަދުތައް ބާރުދޭ އަނެއް ކަމަކީ ފުށިދިއްގަރުން 1100 އެއްހާ ހެކްޓަރު ހިއްކަން "ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އެންމެ މަދުވެގެން ވެސް ހަރަދުވާނެ" ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައި އޮތުމުންނެވެ.
Comment