Advertisement

ބުރު އާއި އޮޑި އިން ޕްރީ ސީޒަން ފަށައިފި

17 އޮގަސްޓު 2025 - 05:55 0


ބުރު އާއި އޮޑި އިން ޕްރީ ސީޒަން ފަށައިފި

17 އޮގަސްޓު 2025 - 05:55 0

އަންނަ މަހު ފަށާނެ ކަމަށް އިއުލާނުކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރުމަށްޓަކައި، ފުރަތަމަ ޑިިވިޝަނުގެ، ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބުން ޕްރީ ސީޒަން ފަށައިފި އެވެ.

ބުރު އާއި އޮޑިން، އިއްޔެ، މާފަންނު ޓާފް ސްޓޭޑިއަމްގައި އިއްޔެ ޕްރެކްޓިސްތައް ފެށިއިރު، ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައި އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު، ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު ކުޅޭ ގޮތަށެވެ. އަދި، ދިވެހި ޕްރިމިއާ ލީގު ފަށަން ނިންމާފައި އޮތީ، 18 ވަނަ ދުވަހު އެވެ.

އޮޑިން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭއިރު، އެ ޓީމުން ވަނީ، މިދިޔަ މެއި މަހު އެފްއޭއެމް އިން ބޭއްވި ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޮޑި ބަލިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ. އެހެން އަހަރުތަކެކޭ އެއް ގޮތަށް، މާޒިޔާ އަކީ އެންމެ ފުރަތަަމަ ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސް ފެށި ކްލަބެވެ.

ބުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މެޗުތައް ނިންމާލި ފަހުން، ޕްރެކްޓިސް ފަށައިފައެއް ނުވެ އެވެ. އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން އެކި ފަހަރު މަތިން އެފްއޭއެމް އިން މަސައްކަތްކުރި ނަމަވެސް، އެ އިދާރާގައި ހުރި މައްސަލަތަކާ ހެދި ސީޒަން ނުފެށި ދިގުލައިދިޔައީ އެވެ.

ޕްރެކްޓިސް ފެށިއިރު، ބުރުގެ ކޯޗަކީ، އެންމެ ފަހުން ވެސް އެ ޓީމުގައި ކުރި، މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އަދި، ބުރުގައި ކުރިން ވެސް ތިބި ގިނަ ކުޅުންތެރިންތަކެއް މި ފަހަރުގެ ވެސް އެ ޓީމުގެ ސްކޮޑުގައި ހިމެނެ އެވެ.

ދިހަ ޓީމު ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގައި ކުޅޭ ކުރިއަށް އޮތް، ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅޭނީ 90 މެޗު ހިމެނޭހެން ދެ ބުރު ކަމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އަދި، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ