Advertisement

ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 173 މިލިއަން ރުފިޔާ

16 އޮގަސްޓު 2025 - 14:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނީ އެންމެ 173 މިލިއަން ރުފިޔާ ---- ފޮޓޯ: ރައީސް އޮފިސް


ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 173 މިލިއަން ރުފިޔާ

16 އޮގަސްޓު 2025 - 14:10 0

މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުގެ ބަޖެޓުގައި އަންދާޒާކުރި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 173 މިލިއަން ރުފިޔާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވަނީ އޮގަސްޓު 7، އާއި ހަމައަށް ދައުލަތުން ކުރި ހަރަދުތަކާއި ލިބުނު އާމްދަނީގެ ހިސާބުތަކެވެ. އެ ހިސާބުތަކުން ދައްކާގޮތުން އެ ތާރީހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނީ 173.1 މިލިއަނެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ވެސް މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 355.1 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 182 މިލިއަނުގެ ވެއްޓުމެކެވެ.

ބަޖެޓުގައި އަންދާޒާކުރި މިންވަރަށް މި އަހަރުގެ ތެރޭ ހިލޭ އެހީ ހޯދާ ނަމަ، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އެއީ މަހަކަށް 600 މިލިއަނެއްހާ ރުފިޔާ އެވެ.

މާލީ ހާލަތު ގޯސްވެފައިވާ މި ހާލަތުގައި، އަންދާޒާކުރި ވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބުން ލިބުން ވާނީ ލިބޭ އިތުރު ގޮންޖެހުމަކަށެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށާއި އެހެނިހެން މަޝްރޫއުތަކަށް ވެސް ސަރުކާރުން ހިލޭ އެހީއަށް ބަރޯސާވެ އެވެ.

މާލީ ހިސާބުތަކުން އިތުރަށް ފާހަގަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރުން ދަރަނި ދެއްކުމަށް ބޮޑު ހަރަދެއް ވަނީ ކޮށްފަ އެވެ.

އޮގަސްޓު 7، އާއި ހަމައަށް ދަރަނި ދެއްކުމަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަނުގެ އިތުރުވުމެކެވެ. ދަރަނި ދެއްކުމަށް ބަޖެޓު ކުރި އަދަދުން ބާކީ އޮތީ ތިން މިލިއަނެއްހާ ރުފިޔާ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ބޮޑުވުމެވެ. އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބައިނަލްއަގުވަމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކޮށްފައިވާ މައިގަނޑު ސަބަބަކީ ވެސް މި ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވުމެވެ.