16 އޮގަސްޓު 2025 - 12:45 0
އަހުމަދު އާއިދު
މާޗު 10، ގެ ރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން ފުލުހުން މާލެގެ މަގެއްގައި ހަރަކާތްތެރިވަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
16 އޮގަސްޓު 2025 - 12:45 0
ނިމިދިޔަ ރޯދަ މަހުގެ ތެރޭ މާލެ ސަރަހައްދުގައި ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަނުގައި ހުއްޓުވީ މާލެއަށް ދޭން އުޅުނު ހަމަލާއެއްކަން އެނގިއްޖެ އެވެ.
މާޗު 10، ގެ ރޭ މާލެ އާއި ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނުގައި އެކި ތަންތަން ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކުރި އެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އެ އޮޕަރޭޝަނުގައި މާލެ އާއި ކައިރި ރަށަކަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ހުއްޓުވިކަމަށް ދައުލަތުން ބުނީ އެ މީހުންގެ މައްޗަށް ކުރި ދައުވާގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ބުނި ގޮތުގައި ދައުވާ ކުރުމާމެދު ޖުލައި 7، ގައި ގޮތެއް ނިންމި އެވެ. ނަމަވެސް އޭގެ ފަހުން މި މައްސަލައިގެ އަދި ދައުވާގެ ތަފުސީލު ހޯދުމަށް އެ އޮފީހުގައި އެދުމުން ރަސްމީ އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ނަމަވެސް މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ޕީޖީ އިން މިހާރު އެ ތިން މީހުންގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެ ދައުވާތަކުގައި އެ މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި މީހުން ދޭން ރޭވި ހަމަލާގެ ތަފުސީލެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ. ފުލުހުން ވެސް އެފަދަ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލުކުރުމަށްފަހު ފުލުހުން ވަނީ އެ ބައްދަލުވުން ކެންސަލްކޮށްފަ އެވެ.
މި ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް މި ފަހުން ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ވެސް ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ތިބި މީހުން ދޫ ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
މާޗު 10، ގެ ރޭ މާލޭގައި ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަނުގައި ގެއެއް ބަލައިފާސްކުރުމަށްފަހު ފުލުހުންތަކެއް ނުކުންނަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި އެ ރޭ ހިންގި ބޮޑު އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކުރީ މާލެ އަދި ހުޅުމާލެއިންނެވެ.
އެންމެ ފުރަތަމަ ބަލައި ފާސްކުރީ ޖުމްހޫރި މައިދާން ސަރަހައްދުން ދިޔަ ލޮރީތަކެކެވެ. ހައްޔަރުކުރި އެކަކަކީ މި ތަނުން އެއް ލޮރީ ދުއްވަން ހުރި މީހާ ކަން އެ ރޭ އެއްކުރި މައުލޫމާތުން ވަނީ ދެނެގަނެވިފަ އެވެ. މީގެ އިތުރުން ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ކައިރި، ޝަބްނަމު މަގުގައި ހުރި ގެއަކުން އަދި ވިނަރެސް ފުލެޓަކުން މީހަކ ހައްޔަރުކުރި އެވެ.
ބަލައިފާސްކުރި ތަންތަނުގެ ތެރޭގައި ވިނަރެސް ފްލެޓަކާއި ޝަބްނަމް މަގުގައި ހުރި ގެއަކާއި ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކާއި ހެންވޭރު ދަނޑު ކައިރި މަޖީދީ މަގުގައި ހުރި ގެއެއްގެ އިތުރުން ހުޅުމާލެ ފޭސް ދޭކާއި އެއްވެފައި އޮންނަ ފަރުކޮޅުފުށި ސަރަހައްދެވެ.
ހެންވޭރު ދަނޑު ކައިރިން ފާސްކުރި ގެއަކީ ލޮރީ ދުއްވަން އިން މީހާ ދިރިއުޅޭ ގެ ކަމަށް އެ ރޭ އެއްކުރި މައުލޫމާތުތަކުން އެނގިފައިވެ އެވެ. އާންމު އުސޫލާއި ހިލާފަށް މި ތިން މީހުންގެ ވަނަވަރު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އޮޕަރޭޝަން ހިންގި ދުވަހު ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނީ, އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން, މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު, ހާމަކުރެވެން ހުރި މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެ ފަހުން މި އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު ޝަބްނަމް މަގުގައި ހުރި ގެ ކައިރިއަށް އެއްވެ ތިބި ނޫސްވެރިންނަށް ބަޔަކު ވަނީ އިންޒާރު ވެސް ދީފަ އެވެ. އެތަނުގައި އެ ވަގުތު ފުލުހުން ތިބި ނަމަވެސް އެކަމާ ގުޅޭގޮތުން އެ ހިދުމަތުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
Comment