Advertisement

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޯސްޓްގާޑާ ހަވާލުކޮށް ހިދުމަތަށް ނެރެފި

15 އޮގަސްޓު 2025 - 23:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރާ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ހަވާލުވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޯސްޓްގާޑާ ހަވާލުކޮށް ހިދުމަތަށް ނެރެފި

15 އޮގަސްޓު 2025 - 23:42 0

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ކޯސްޓްގާޑާ ހަވާލުކޮށް ހިދުމަތަށް މިރޭ ނެރެފި އެވެ.

އެ މަނަވަރު ރާއްޖެއަށް ރަސްމީކޮށް ހަދިޔާ ކުރީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ބައިވެރިވެވަޑައިގެންނެވި އެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރަށް ނަން ދީފައި ވަނީ ދިވެހިރާއްޖެ އިސްލާމްވިއިރު ރަސްކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނުގެ ނަމުންނެވެ. ދަރުމަވަންތަ ދިވެހިރާއްޖެއާ ހަވާލު ކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓު ކޮމާންޑަރު، އެޑްމިރަލް ކަދިރް ޔިލްޑްޒް އެވެ. އެ މަނަވަރާ ދިވެހިރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.

ތުރުކީން ހަދިޔާ ކުރި އެ މަނަވަރަކީ މިސައިލް ފޮނުވުމުގެ ގާބިލްކަން ހުރި މަނަވަރެކެވެ. ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ އެ މަނަވަރަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ. އެއީ މެއި، 1984 އިން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ޓީސީޖީ ވޮލްކަންގެ ނަމުގައި ބޭނުންކުރަމުން އައިސްފައިވާ އުޅަނދެކެވެ. އެ މަނަވަރު ރާއްޖެ ގެނައީ ރީފިޓިން ހެދުމަށްފަހު އެވެ.

އެ މަނަވަރު އޮޕަރޭޓުކޮށް މަރާމާތު ކުރުމަށްޓަކައި ދިވެހި ސިފައިން ވަނީ ތުރުކީއަށް ގޮސް ތަމްރީނުވެފަ އެވެ. ދަރުމަވަންތަ ދުއްވާނީ ދިވެހި ސިފައިންނެވެ.

ތުރުކީ އަސްކަރިއްޔާއިން ޑޮލްގަން ކްލާސްގެ އެ މަނަވަރު ބޭނުންކުރަން ފެށީ މެއި 12، 1981، ގަ އެވެ. އެ މަނަވަރަށް އަންނަ މަހު 44 އަހަރު ފުރޭނެ އެވެ.

މަނަވަރުގެ ތަފުސީލުތައް

  • ދިގުމިން: 58 މީޓަރު
  • ޖުމްލަ ބަރުދަން: 436 ޓަނު
  • ސްޕީޑް: 38 ނޮޓު ނުވަތަ ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިން
  • ރޭންޖު: 1،940 ކިލޯމީޓަރު
  • އިންޖީނުތައް: އެމްޓީޔޫ ޑީސަލް ހަތަރު އިންޖީނު
  • ކްރޫ: 45 ސިފައިން

މި މަނަވަރުގެ އިތުރުން އެހެން މަނަވަރެއް ދިވެހި ސިފައިންނަށް ހަދިޔާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ވެސް ޓީސީޖީ ވޮލްކަން ފަދަ "ޑޯގަން ކްލާސް" ގެ މަނަވަރެކެވެ. ތުރުކީ ސިފައިން މިހާރު ޓެސްޓިން އަދި ތަމްރީނުތަކުގައި ބޭނުންކުރާ އެ މަނަވަރުގެ ނަމަކީ ޓީސީޖީ ޓޭފުން އެވެ.