Advertisement

ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ދިންކަމަށް ބުނެ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫންގެ އޮފީސް

15 އޮގަސްޓު 2025 - 22:48 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް މައުމޫން ރައީސް އޮފީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ދިންކަމަށް ބުނެ ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫންގެ އޮފީސް

15 އޮގަސްޓު 2025 - 22:48 3

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މައުމޫންގެ އޮފީހުން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ.

"ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެކެވެ." ރައީސް މައުމޫންގެ ބަޔާނުގައި ބުންޏެވެ.

މައުމޫންގެ އޮފީހުން މިރޭ ބަޔާނެއް ނެރުނީ އަދަދު ނޫހުގެ ޕްރޮގުރާމެއްގައި ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ދެއްކެވި ވާހަކައަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ 2018 ގައި މައުމޫން ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ.

"މައުމޫން ޖަލަށް ލީ ކީއްވެގެންތޯ؟ ކިޔުއްވާ، ކިހިނެއްވެގެންތޯ މައުމޫން ޖަލަށް ލީ؟ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ދިނީ ކޮންބައެއްތޯ؟ ފާރިޝް މައުމޫން އާއި މައުމޫން އާ ދެއްވީ، ޖާބިރު އަތުން ލާރި ނަގައިގެން، އެއީ ސުޕްރީމް ކޯޓުގެ 2018 ވަނަ އަހަރުގެ އަމުރު ނުކުތް ގޮތަކީ އެއީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ފެންމަތިވުމުން މައުމޫން ހައްޔަރު ނުކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފުލުހުން ގޮސް މޮބައިލް ފޯނު ދިނުމަށް އެދުމުން ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރީ ފުލުހުންނަށް ފޯނު ނުދިނުމުން ކޯޓަށް ގޮސް ހޯދި އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެކަމުގައި ދިފާއު ބިނާ ކުރައްވަން މައުމޫންއަށް ކޯޓުގައި ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ރައީސް މައުމޫންއަށް ފުރުސަތު ލިބިވަޑައިގެންނެވި ކްރިމިނަލް ކޯޓުގައި ރައީސް މައުމޫންގެ ދިފާއު ބިނާ ކުރައްވަން، ދިފާއުއެއް ބިނާއެއް ނުކުރައްވާ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދުދީ މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ރިޝްވަތުގެ ގޮތުގައި އެއްވެސް އެއްޗެއް ދުވަހަކު ވެސް މައުމޫން ދެއްވާފައި ނުވާނެ ކަމަށެވެ.

އަދި އެމަނިކުފާނާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މައުމޫން ވިސްނަވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ،" މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޔާމީން އާއި މައުމޫންއާ ދެ ބޭފުޅުންގެ ގުޅުން މިހާރު ކެނޑިފައިވީ ނަމަވެސް، 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ޔާމީންއަށް ހޯއްދަވައިދެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރެއްވީ މައުމޫން އެވެ.

ދެ ބޭފުޅުންގެ ގުޅުން ގޯސްވީ ވެރިކަމަށް ޔާމީން އިންތިހާބުވެވަޑައިގަތުމަށްފަހު އުފެދުނު ހިޔާލުތަފާތުވުން ތަކަށްފަހު އެވެ. ޕީޕީއެމް ދެބައިވެ އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދީ ވެސް އެ މައްސަލައިގެ ތެރެއިންނެވެ. އަދި މިހާރު ވެރިކަން ކުރާ ޕީއެންސީއަކީ ޔާމީންއަށް ޕީޕީއެމް ގެއްލިދާނެ ހާލަތެއްގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ޔާމީން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ.