15 އޮގަސްޓު 2025 - 22:56 1
މުހައްމަދު ޝަހްޒާން
ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގް. އޭނާއަކީ ރާއްޖޭގައި ވެސް ނުފޫޒުގަދަ ވިޔަފާރިވެރިއެއް -- ފޮޓޯ: ބީބީސީ
15 އޮގަސްޓު 2025 - 22:56 1
ކޮރަޕްޝަންގެ ހެކި ފޮރުވުމަށް އެހީތެރިވިކަމުގެ ކުށް ސާބިތުވެ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް 23،400 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ފޯ ސީޒަންސް އާއި ސިކްސް ސެންސަސްގެ ރިސޯޓުތައް ހިމެނޭހެން ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އޮންގްގެ މައްޗަށް ސާބިތުވީ ސިންގަޕޫރުގެ ކުރީގެ ޓްރާސްޕޯޓު މިނިސްޓަރު، ސުބްރަމަނިއަމް އިސްވަރަންއަށް އަގުބޮޑު އެތައް ހަދިޔާއެއްދީ އޭނާގެ މައްޗަށް ހިންގި ކޮރަޕްޝަންގެ ތަހުގީގަކަށް ފިލަން ހެކި ފޮރުވަން އެހީތެރިވިކަމުގެ ކުށެވެ.
އެ ކުށް އޮންގްގެ މައްޗަށް ސާބިތުވީ އޭނާ އެ ކުށަށް އިއުތިރާފުވުމުންނެވެ.
އިސްވަރަންއަށް އޮންގް ދިން ހަދިޔާތަކުގެ ތެރޭގައި ހުރިހާ ހަރަދުތަކަކާއެކު ޕްރައިވެޓް ޖެޓެއްގައި ގަތަރަށް ގެންދިޔުން ހިމެނެ އެވެ.
ސިންގަޕޫރުގެ ގާނޫނު އޮންނަ ގޮތުން އެ ގައުމުގެ މިނިސްޓަރުންނަށް ލިބޭ ހަދިޔާ މިލްކު ކުރެވޭނީ އެ އެއްޗެއްގެ ބާޒާރު އަގު ދައުލަތަށް ދެއްކުމަށްފަހު އެވެ. އެ ގައުމުގެ މިނިސްޓަރުންނަށް ލިބޭ ހަދިޔާތައް ހާމަ ވެސް ހާމަ ކުރަންޖެހެ އެވެ.
ކޮރަޕްޝަންގެ ހެކި ފޮރުވުމުގެ ކުށް ސާބިތުވުމުން އޮންގްއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބަކީ ހަތް އަހަރުދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް 79 ނުވަ އަހަރުގެ އޮންގްއަށް އެ އަދަބު ނުދިނީ އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރު، ލީ ލިޓް ޗެންގް ވިދާޅުވި އެވެ.
އޮންގްއަކީ މަލްޓިޕްލް މަޔަލޯމާގެ ބަލި ތަހަންމަލު ކުރަމުންދާ މީހެކެވެ. މަލްޓިޕްލް މަޔަލޯމާއަކީ ކަށީގެ މަދަށް ޖެހޭ ކެންސަރެކެވެ.
އޮންގްއަކީ ރާއްޖޭގައި ވެސް ނުފޫޒުގަދަ ވިޔަފާރިއެކެވެ. ރާއްޖޭގައި އޭނާ ހިންގާ ވިޔަފާރިތަކުގެ ތެރޭގައި:
އޮންގްއަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ވެސް ބެލެވޭ މީހެކެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އޭނާއަށް މަންފާވި ކަމަށް އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރުޕީ) ގެ ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ. އެއީ, ރާއްޖޭގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އަހްމަދު އަދީބުގެ ފޯނުގައި ހުރި މައުލޫމާތުތައް އެއްކޮށްގެން އެކުލަވައިލި ރިޕޯޓެކެވެ.
އޯސީސީއާރުޕީން ފަޅާއަރުވާލި މައުލޫމާތުތަކުން އެނގޭ ގޮތުގައި ވ. ފޮއްތެޔޮ ބޮޑުފުށި ހޯދުމަށް އޮންގްގެ ކުންފުނި ހޮޓެލް ޕްރޮޕާޓީސް ލިމިޓެޑް (އެޗްޕީއެލް) އިން މަޝްވަރާ ކުރަމުން ދިޔަ ވަގުތުގައި ރާއްޖޭގެ އޭރުގެ ރައީސް އަބްދުالله ޔާމީނާއި އަދީބަށް އަގުބޮޑު ހޮޓެލްތަކުގައި ތިބުމުގެ ފުރުސަތާއި އަދި މާއްދީ އެކި ހަދިޔާ ދީފައިވެ އެވެ.
Comment