Advertisement

ޕްރިމިއާ ލީގު ދިފާއުކުރަން ލިވަޕޫލަށް ވަރަށް އުނދަގޫވާނެ: ސްލޮޓް

15 އޮގަސްޓު 2025 - 13:15 0


ޕްރިމިއާ ލީގު ދިފާއުކުރަން ލިވަޕޫލަށް ވަރަށް އުނދަގޫވާނެ: ސްލޮޓް

15 އޮގަސްޓު 2025 - 13:15 0

ލިވަޕޫލް (އޮގަސްޓް 15) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދިފާއުކުރަން ލިވަޕޫލަށް ވަރަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު، ނެދަލެންޑްސްގެ އާނާ ސްލޮޓް ބުނެފި އެވެ.

ނުވަ އަހަރު ލިވަޕޫލަށް ކޯޗުކޮށްދިން ޔާގަން ކްލޮޕް އެ ޓީމު ދޫކޮށްލުމުން، އެ މަގާމާ ހަވާލުވި ސްލޮޓް ވަނީ ފުރަތަމަ ސީޒަނުގައި ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ލިވަޕޫލް ގޮވައިގެން ދެ ވަަނަ ސީޒަނަކަށް ނުކުންނައިރު، ސްލޮޓަށް އެންމެ ބޮޑަށް ލޯ އަމާޒުވާނީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ނެރޭ ނަތީޖާތަކަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި، ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮޓާ އަމާޒުވި ސުވާލަކީ، ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ ފުރުސަތު އޮތްގޮތާ މެދު އެވެ.

ސްލޮޓް ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދިފާއުކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ އެންމެ ބޮޑު ސަބަބަކީ، ޗެމްޕިއަންކަން ހޯދޭނެ ގިނަ ވާދަވެރި ޓީމުތަކެއް މި ލީގުގައި އޮތުމާއި އަހަރުން އަހަރަށް އެ ޓީމުތައް ވަރުގަދަކުރަމުން އަންނަ މިންވަރު ކަމަށެވެ.

"އެއް ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމަކީ ވެސް ހާއްސަ ކަމެއް. ދެން، ތަށި ދިފާއުކުރުމުގެ ވާހަކަ. ދެ ފަހަރު ހޯދުން، ތިން ފަހަރު ހޯދުން، އެ ކަންކަމަށް ބަލާއިރު، ފަސް އަހަރު ތެރޭ އަހަރެމެންނަށް ދެ ފަހަރު ލިބިއްޖެ، މެންޗެސްޓާ ސިޓީން އެ އޮތީ އަހަރެމެންނަށް ވުރެ މާ ރަނގަޅަށް މި ކަންކޮށްފައި، އެހެންވީމަ، މި ލީގުގައި ތަކުރާރުކޮށް ލީގު ހޯދުން އެއީ ވަރަށް ވެސް އުނދަގޫ ކަމަކަށްވާނެ،" ސްލޮޓް ބުންޏެވެ.

ލިވަޕޫލުން މި ފަަހަރުގެ ސީޒަނަށް ތައްޔާރުވާން ކުރާ ހަރަދު، ޓްރާންސްފާ މާކެޓް ބަންދުވާއިރު، 500 މިލިއަން ޑޮލަރަށް ވުރެން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލުން މި ވަގުތަށް ބަލާއިރު އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިއަކީ ޖުމްލަ އެކު، 150 މިލިއަން ޑޮލަރަށް އަގު އަރާ ޑީލެއްގެ ދަށުން ގެނައި، ބަޔާ ލެވަކޫސަންގެ ތަރި، ފްލޯރިއަން ވާޓްޒް އެވެ.

ވާޓްޒް އަކީ ލިވަޕޫލަށް ކިހާ މުހިންމު ކުޅުންތެރިއަކަށް ވެވިދާނެތޯ އެހުމުން، ސްލޮޓް މިސާލަކަށް ބޭނުންކުރީ ކުރިން ލިވަޕޫލަށް ބޮޑު އަގުގައި ގެނައި މުހިންމު ކުޅުންތެރިންނެވެ.

"ލިވަޕޫލުން މީގެ ކުރިން ވެސް ކޮށްފައި ހުރި ކަންކަމަށް ބަލާއިރު، ކުޅުންތެރިންގެ އަގުއުފުލިފައި އޮތް ބާޒާރުގައި، ވާޖިލް ވެން ޑައިކް، އެލިސަން ބެކާ، މީގެއިން ކުޅުންތެރިންނަށް ބެލިޔަސް، އަދިވެސް މި ޓީމުގެ މުހިންމު ކުޅުންތެރިންގެ ގޮތުގައި އެ ތިބީ، އަގުގެ ވާހަކައެއް ނުދައްކާ މިހާރު. އެހެންވީމަ، ވާޓްޒް އަށް ވެސް އޮތީ އެ ގޮތް،" ސްލޮޓް ބުންޏެވެ.

ލިވަޕޫލްގެ ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރުގެ ކުޅުމެއް ދެއްކުމަށްޓަކައި، ވާޓްޒް ވާން ޖެހޭނީ އެ ޓީމުގެ . މުހައްމަދު ސަލާހު ކަހަލަ ކުޅުންތެރިއަކަށް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

ސަލާހު އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީ ފަދަ ކުުޅުންތެރިން ހާއްސަވަނީ ގިނަ އަހަރުތަކެއް މަތީ ލެވަލްގައި ކުޅެވޭ ވަރަށް ފިޓްކޮށް ތިބޭތީ ކަމަށާއި ވާޓްޒް ވެސް ޕްރޮފެޝަނަލީ ބަލަން ޖެހޭނީ އެ މިންގަނޑުގެ ތެރެއިން ފިޓްކޮށް ހުރެ މަތީ ލެވަލްގައި ގިނަ އަހަރުތަކެއް ރަނގަޅަށް ކުޅެން ކަމަށް ސްލޮޓް ބުނެފައިވެ އެވެ.