Advertisement

ރޭޕުގެ ތުހުމަތު އަމާޒުވެފައިވާ ޕާޓޭގެ ދިފާއުގައި ވިޔަރެއާލް ރައީސް

14 އޮގަސްޓު 2025 - 07:53 0


ރޭޕުގެ ތުހުމަތު އަމާޒުވެފައިވާ ޕާޓޭގެ ދިފާއުގައި ވިޔަރެއާލް ރައީސް

14 އޮގަސްޓު 2025 - 07:53 0

މެޑްރިޑް (އޮގަސްޓް 14) - ތިން އަންހެނަކާ ގުޅޭ ރޭޕުގެ މައްސަލައެއްގައި ކޯޓުގައި މައްސަލަ ހިނގަމުން އަންނަ ގާނާގެ މިޑްފީލްޑަރު، ތޯމަސް ޕާޓޭ، އަށް ވިޔަރެއާލް ސަޕޯޓަރުންގެ ނުރުހުން ތަކުރާރުކޮށް އަމާޒުވަމުން އަންނައިރު، އޭނާގެ ދިފާއުގައި ވިޔަރެއާލްގެ ރައީސް، ފެނާންޑޯ ރޯއީ ވާހަކަ ދައްކަވައިފި އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް، 2020 ވަނަ އަހަރު 55 މިލިއަން ޑޮލަރަށް އާސެނަލަށް ބަދަލުވި ޕާޓޭ އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އާސެނަލާ އެކު، އޮތް ޕާޓޭގެ ކޮންޓްރެކްޓް އާ ނުުކުރަން ނިންމީ، ހުށަހެޅި މުސާރަ ކުޑަވުމުންނެވެ. އާސެނަލް އަށް މިދިޔަ ސީޒަނުގައި ޕާޓޭ، ވަނީ 52 މެޗު ކުޅެދީފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން، ޕާޓޭ، 32، ތިން އަންހެނަކާ އެކު، ހިނގި މުއާމަލާތްތަކަކާ ގުޅޭ ރޭޕާއި އަނިޔާކުރުމުގެ މައްސަލަތައް ކޯޓުގައި ދާދި ފަހުން ވަނީ ކުރިއަށްގެންދަން ފަށައިފަ އެވެ. ޕާޓޭ ވަނީ މި ތުހުމަތުތަކުން އޭނާގެ ނަން ސަލާމަތްކުރަން ކޯޓު މަރުހަލާގައި ލިބުނު ފުރުސަތަށް މަރުހަބާ ކިޔައިފަ އެވެ. އަދި، މައްސަލަ ކުރިއަށްދާ މުއްދަތުގައި ވެސް ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަން، ކޯޓުން ދިން ބެއިލްގެ ފުރުސަތުގައި ޕާޓޭ މި ވަނީ އަލުން ސްޕެނިޝް ލީގަށް ދިއުމަށް ނިންމައިފަ އެވެ.


ވިޔަރެއާލުން ޕާޓޭ ގެންނަން ނިންމި ނިންމުމާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ އޮންލައިންކޮށް ހަޅުތާލެއް ކުރިއަށްގެންދަމުންނެވެ.

ޕާޓޭ ސޮއިކުރުމާ ދެކޮޅަށް ހެދި އޮންލައިން ޕެޓިޝަނުގައި، 1000 އަށް ވުރެ ގިނަ ސަޕޯޓަރުން ސޮއިކޮށްފައިވާއިރު، ވިޔަރެއާލުން ބުނެފައިވަނީ، ކޯޓުން ޕާޓޭ އަކީ ކުށްވެރިއެއް ކަމަށް ކަނޑަނާޅާ ހިނދަކު، އެ ކްލަބުން އޭނާ އަށް އިތުބާރުކޮށް، ފުރުސަތު ދިނުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

ޕާޓޭ، ވިޔަރެއާލަށް ކުޅެދިން ފުރަތަމަ މެޗުގައި، އެ ކްލަބްގެ ސަޕޯޓަރުން ވަނީ ދަނޑު ތެރޭގައި ވެސް ޕާޓޭއާ ދެކޮޅަށް ޝުއޫރުފާޅުކޮށް އަޑުގަދަކޮށްފަ އެވެ. ވިޔަރެއާލުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ރޯއި ވިދާޅުވީ، ޕާޓޭ އަކީ ކުށްވެރިއަކަށް ހަދައިގެން ވާހަކަ ދެއްކުން އަދި އަވަސް ކަމަށާއި ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނިންމަންދެން، ޕާޓޭ އަކީ އަދި ކުށެއް ސާބިތުވި މީހެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ރޯއި ވަނީ ދަނޑުގައި ޕާޓޭއާ ދެކޮޅަށް އަޑުގަދަކުރީ ވިޔަރެއާލް ސަޕޯޓަރުންނެއް ނޫން ކަމަށާއި އެއީ، އެސްޓަން ވިލާ އަށް ސަޕޯޓްކުރަން އައި އިނގިރޭސި ކުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.