Advertisement

މުއިއްޒު ނާންގާހާ ހިނދަކު ހެކިބަސް ދޭން ދާނެ ކަމަށް ނަރީޝް އާއި ޝުއާއު ބުނި: ޔާމީން

13 އޮގަސްޓު 2025 - 21:30 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެތެރެފުށް ޕްރޮގްރާމުގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ. ނަރީޝް އާއި ޝުއާއު އަކީ މުއިއްޒު އާއި ޔާމީންއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމާ ހަމައަށް ވެސް ޔާމީންއަށް ވަރަށް އިހުލާސްތެރި ދެ ބޭފުޅުން -- ފޮޓޯ: އަތޫފް އާތިފް / އަދަދު


މުއިއްޒު ނާންގާހާ ހިނދަކު ހެކިބަސް ދޭން ދާނެ ކަމަށް ނަރީޝް އާއި ޝުއާއު ބުނި: ޔާމީން

13 އޮގަސްޓު 2025 - 21:30 1

ރައީސުލްޖުމްހޫރިއްުޔާ މުހައްމަދު މުއިއްޒު ސީދާ ގުޅުއްވާފައި ހެކިބަސް ދޭން ނުދާށޭ ވިދާޅުނުވާހާ ހިނދަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ކޯޓަށް ދާނެ ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވެފައިވާ ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން މިރޭ ގެނެސްދިން އެތެރެފުށް ޕްރޮގުރާމުގައި ޔާމީން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ހެކިބަސް ނަގަން ތާވަލުކުރި ޝަރީއަތުގެ މަޖިލީހުގެ ކުރިން ނަރީޝް އާއި ފިއުލް ސަޕްލައި މޯލްޑީވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޝުއާއުﷲ އަށް އެ މަނިކުފާނު ގުޅުއްވި ކަމަށެވެ.

"އެ ދެމީހުންނާ ވެސް އަޅުގަނޑު ގުޅިން އިނގޭތޯ؟ އަޅުގަނޑު ކައިރީގައި ނަރީޝް ބުނި ރައީސްއޭ ކަނޑައެޅިގެން އަޅުގަނޑަށް ގުޅާފައި ރައީސް މުއިއްޒު ތިމަންނަ ގޮސްގެން ނުވާނެޔޭ ވިދާޅުނުވާހާ ހިނދަކު ތިމަންނަ ދާނަމޭ ރައީސްއޭ ހެކިބަސް ދޭން، ޝުއާއު އަޅުގަނޑު ކައިރީގައި ބުނި ރައީސް މުއިއްޒު ތިމަންނަ ކައިރީގައި ނުދާށެ ވިދާޅުވި ނަމަވެސް ރައީސްއޭ ތިމަންނަ ދާނަމޭ، އެއީ ދެން މީހުންގެ ވާހަކަ ހުންނަ ގޮތާއި މީހުންގެ އަމަލު ހުރިގޮތް ދެއްތޯ އެއީ؟ ދެން ކީއްތޯ ކުރާނީ؟" ޔާމީން ވިދާޅުވި އެވެ. 

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގައި ޔާމީންއާ އެއްކޮޅަށް ހެކިބަސް ނުދޭނެކަން ނަރީޝް އާއި ޝުއާއު އެ ކޯޓަށް ސިޓީއަކުން އެންގީ ހެކިބަސް ނަގަން ތާވަލުކުރި މަޖިލީހުގެ އެއް ދުވަސް ކުރިން އޭޕްރިލް 27، ގަ އެވެ.

އެ ދުވަހުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވިދާޅުވީ ދިފާއުގައި ހެކި ބަސް ދޭން ބޭނުން ނުވިޔަސް، ހައްޔަރުކޮށްގެން ހެކިބަސް ދޭން ހާޒިރުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް މި ފުރުސަތުގެ ބޭނުން ހިފަން އެދޭތޯ ސުވާލުކުރުމުން ޔާމީންގެ ވަކީލުން ވަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އިހުތިޔާރު އޮތަސް، އެ ފުރުސަތުގެ ބޭނުން ހިފަން ބޭނުން ނުވާ ކަމަށެވެ.

ނަރީޝް އާއި ޝުއާއުالله އަކީ ވެސް ކުރީ ސަރުކާރުގެ ދުވަސްވަރު ޔާމީންގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަދެއްކެވި ދެ މީހުންނެވެ. އަދި ނަރީޝްއަކީ އާރަށް މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކި ދިން އެކަކެވެ. އެ މައްސަލައިގައި އޭނާ ދޮގުހެކި ބަސް ދިން ކަމަށް ތުހުމަތުކޮށް އޭރު އެ މައްސަލަ ވެސް ބެލި އެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް މި ސަރުކާރުގެ އިސްވެރިން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުންދިޔަ ނަމަވެސް އެ ދައުވާތައް އަނބުރާ ނުގެންދަނީ އެ މަނިކުފާނު ޖަލުގައި ބޭއްވުމަށް މި ސަރުކާރުން ވެސް އެދޭތީ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ދޭން ދިޔުމުގެ ހުއްދަ ނަރީޝްއަށް ނޯންނަނީ އެ ސަބަބާ ހުރެ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"ހަމަ ދެންމެ ދެންމެ ވަޒީރަކަށް ވެދާނެހެން ހީވަނީ، އެހެންވީމާ މި ބޭފުޅުން ވެސް ކިތަންމެ ވަރަކަށް ރައީސް ޔާމީނާ ދޭތެރޭ ކުރީ ސިޔާސީ ހުކުމެކޭ ކިތަންމެ ވަރަކަށް މި ވާހަކަ ދެއްކެވިޔަސް، މި ބޭފުޅުން ދެއްތޯ މިހާރު އަޅުގަނޑު ސިޔާސީ ހުކުމެއްގެ ތެރޭގައި މި ގެންގުޅުއްވަނީ ވެސް؟ އެހެންވީމާ ނަރީޝްއަކަށް ހުއްދައެއް ނޯންނާނެ ދެއްތޯ އަޅުގަނޑާ އެއްކޮޅަށް ހެކިބަސް ދޭން ދާކަށެއް؟ އަޅުގަނޑާ އެއްކޮޅަށް ހެކިބަސް ދޭން ދާކަށް؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނަރީޝް އާއި ޝުއާއު އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ނުދެއްވި ނަމަވެސް الله ގެ އިރާދަފުޅުން ދެރަ ގޮތެއް މެދުވެރި ނުވާނެ ކަމަށެވެ.