Advertisement

މުއިއްޒު ވަރުގެ ދޯހަޅި ވެރިއަކު ނުދެކެން، މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ދެން ނުފެންނާނެ: ޔާމީން

13 އޮގަސްޓު 2025 - 20:42 10

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިރޭގެ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ. އެމަނިިކުފާނަކީ މި ވެރިކަން ގެނައުމަށް އެންމެ ބޮޑު ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅާ -- ފޮޓޯ: އަތޫފް އާތިފް / އަދަދު


މުއިއްޒު ވަރުގެ ދޯހަޅި ވެރިއަކު ނުދެކެން، މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ދެން ނުފެންނާނެ: ޔާމީން

13 އޮގަސްޓު 2025 - 20:42 10

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ވުރެ ދޯހަޅިކޮށް، ދޯދިޔާކޮށް ވެރިކަން ކުރެއްވި ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށާއި މިހާރުގެ ސަރުކާރަށް ވުރެ ވަކީން ހުދުމުހުތާރު ވެރިކަމެއް ދެން ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މި ވެރިކަން ގެންނަން އެ ބޭފުޅެއްގެ ނަން އެންމެ ގިނައިން ބޭނުންކުރެއްވި ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާއި އޭގެ ފަހުން ކުރި ހުރިހާ ވެރިކަމެއް ތަޖުރިބާ ކުރެއްވިއްޖެ ކަމަށެވެ. ނަމަވެސް މުއިއްޒުއަށް ވުރެ ދޯހަޅިކޮށް ވެރިކަން ކުރެއްވި ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑެއް ނުދެކެން މިހާރު މި ހުންނެވި ވެރިޔާ، މުއިއްޒު ވަރަށް، މުއިއްޒުހާ ދޯހަޅިކޮށް ދޯދިޔާކޮށް ވެރިކަމެއް ކުރި ރައީސްއަކު އަޅުގަނޑެއް ނުދެކެން އިނގޭތޯ؟ ހުރިހާ ގޮތަކުން ވެސް، ހުރިހާ ގޮތަކުން ރާއްޖޭގެ ހުރިހާ ދިމާލަކަށް ބެއްޔަސް ރައްޔިތުން އެ ސަފާ ކުރަނީ އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ގާނޫނުގެ ހަވާސާއިން ބޭރުން ކަންތައްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަން ސޯލިހުގެ ސަރުކާރުން ސީދާ މަސައްކަތެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"[މި ސަރުކާރުގައި] އިގުތިސާދީ ވިސްނުމެއް ނެތް، ސިޔާސީ ވިސްނުމެއް ނެތް، ގާނޫނުއަސާސީގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިފި، އެއްވެސް މުއައްސަސާއަކަށް އެ މުއައްސަސާ އޭގެ ޒާތުގައި އަސާސީން މަތިކޮށްފައި އޮތް އަމާނާތް އަދާ ކުރުމުގެ އެއްވެސް ޖާގައެއް ނުދެއްވާ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ނުސީދާކޮށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ޕީއެންސީން ގާނޫނުއަސާސީ ބަދަލު ކުރުމާއި ގައިރުގާނޫނީކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ މުއިއްޒުގެ ސީދާ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރި ވާހަކަ އެވެ.

މުއިއްޒުގެ ވެރިކަމަށް ވުރެ ހުދުމުހުތާރު އެހެން ވެރިކަމެއް ދެން ނުފެންނާނެ ކަމަށް ވެސް ޔާމީން މިރޭ ވިދާޅުވި އެވެ.

"ސިފަ ކުރާ ކަމަށްވަންޏާ މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ހަމަ ނުފެންނާނެޔޭ ދެންނެވޭނީ އިނގޭތޯ؟ އެހެންވީމާ އަޅުގަނޑު ހަމަ ސިފަ ކުރައްވަނީ ހަމަ ބިގްޓައިމް ގާނޫނުގެ ތަރަހައިގެ ތެރެއިންނާއި ރައްޔިތުންގެ އެކްސްޕެކްޓޭޝަންގެ ތަރަހައިގެ ތެރެއިން ބިގްޓައިމް މިއީ ހަމަ ބޮޑު ޑިސެޕޮއިންޓްމެންޓެއް މި ސަރުކާރަކީ، މުއިއްޒުގެ ސަރުކާރަކީ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގައި އިތުރު އެއް މަސްދުވަސް ވަންދެން ވެސް މުއިއްޒު ބަހައްޓައިފި ނަމަ ރައްޔިތުންނަށް އިންތިހާއަށް ނިކަމެތިކަން ލިބޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެންމެ ރިވެތި ގޮތަކީ ވެރިކަން ނުކުރެވޭނެކަން ގަބޫލުކޮށް ވެރިކަމުން އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށް ޔާމީން ވިދާޅުވި އެވެ.