13 އޮގަސްޓު 2025 - 12:26 0
ލީވާން އަލީ ނާސިރު
ބ. ހިތާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލެއް އަޅަން އެފްޑީސީއާ ހަވާލުކުރަން ސޮއިކުރަނީ: އެފްޑީސީއަކީ މިކަހަލަ މަސައްކަތްތައް ކުރަން އުފެއްދި ކުންފުންޏެއް ނޫން ---
13 އޮގަސްޓު 2025 - 12:26 0
އަމިއްލަ މެޝީނަރީ އާއި ފައިސާ ވެސް ނެތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެ ކްލާސްރޫމެއް އަޅަން އަގު ބޮޑުކޮށް ހަވާލު ކުރި މައްސަލަ ނުހިނދެނީސް، ބ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ހިތާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ހުރިހާ ހަރަކާތެއް މާލޭގައި މަރުކަޒު ކޮށްފައިވާ އެފްޑީސީއާ މި މަސައްކަތް ހަވާލުކުރިއިރު އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން މެޝީނަރީ އާއި މަސައްކަތު މީހުންނާއި މި ފަދަ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ސާމާނާއި ވަސީލަތްތަކާއި ތަޖުރިބާ ހުރި ކުންފުންޏެއް ނޫނެވެ.
ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުން އަންނަ ފްލެޓުތަކަކީ ވެސް، އިންޑިއާގެ ދެ ކުންފުންޏަކުން އަމަލީ މަސައްކަތް ކުރަމުން އަންނަ ފްލެޓުތަކެކެވެ. މި ތަންތަން އިމާރާތްކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުންނެއް ނޫޅެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި، އެފްޑީސީއަކީ އެއްވެސް އާމްދަނީއެއް ވަންނަ ކުންފުންޏެއް ނޫނެވެ. މިހާތަނަށް އެ ކުންފުންޏަށް ވަން ފައިސާއެއް ވިއްޔާ ވަނީ ސަރުކާރުން ދިން އިކުއިޓީ އާއި ކެޕިޓަލް އިންޖެކްޝަންތަކުންނެވެ.
ސަރުކާރުގެ އިކުއިޓީ ވެސް ވަނީ ހުޅުމާލޭގައި ފްލެޓުތައް އިމާރާތްކުރި ބިންތަކުގެ އަގުން އުނިކޮށް، އިކުއިޓީއަށްވާ ފައިސާ ދެއްކުނީ ކަމަށް ނިންމާފަ އެވެ. އެ ކުންފުނިން ހިންގަމުން އަންނަ ދެ ޕްރޮޖެކްޓަކީ ސަރުކާރުގެ ސޮވަރިން ގެރެންޓީ ލިބިގެން އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ބަޔާސް ކްރެޑިޓު ފެސިލިޓީއަކުން 80 ޕަސެންޓު ފަންޑުކޮށްގެން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކެވެ. މި ޕްރޮޖެކްޓަށް އިކުއިޓީ ފައިސާ ދިނީ ވެސް ސީދާ ސަރުކާރުންނެވެ.
އެފްޑީސީގައި ތިބީ ސީނިއާ މެނޭޖުމަންޓާއި މެނޭޖުމަންޓު ގިންތީގައި ތިބި 15 މުވައްޒަފުން ހިމަނައިގެން 127 މުވައްޒަފުންނެވެ. މީގެ ތެރޭގައި ގިނައީ އިދާރާ މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. ދެން ތިބި މުވައްޒަފުންނަކީ އެ ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކުގެ ޓެކްނިކަލް މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރާ މުވައްޒަފުންނެވެ.
މި ސަރުކާރުގެ އިގުތިސޯދީ ރިފޯމް އެޖެންޑާގައި ހިމެނޭ އެސްއޯއީތައް ރިފޯމް ކުރުމުގެ ދަށުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސަބްސިޑަރީއަކަށް އެފްޑީސީ ބަދަލުކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ. ނަމަވެސް މި މުއާމަލާތް ކުރިއަށް ގެންދަން އިބުތިދާއީ މަސައްކަތްތަކެއް ކުރުމަށް ފަހު އެ ކަމުގެ އަދާހަމައެއް ނުލިބެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment