Advertisement

އިންޑިއާ އައުޓް ކެމްޕޭނަކީ ގޯހެއްކަން ގަބޫލު ކުރަންތޯ ސުވާލުކުރުމުން ހަލީލް ޖަވާބެއް ނުދެއްވި

13 އޮގަސްޓު 2025 - 10:53 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިންޑިއާގެ ބޮޑުވަޒީރު މާލެ ވަޑައިގެންނެވި ދުވަހު ހަލީލްއާ ސަލާމް ކުރައްވަނީ. މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާ އާ ދެކޮޅަށް ހިންގި ވަރުގަދަ ކެމްޕޭނަކަށް ފަހު ނަމަވެސް މިހާރު ވަނީ އެއީ ނުވާ ކަންކަމަށް ހަދާފައި --- ފޮޓޯ: ރައީސް އޮފީސް


އިންޑިއާ އައުޓް ކެމްޕޭނަކީ ގޯހެއްކަން ގަބޫލު ކުރަންތޯ ސުވާލުކުރުމުން ހަލީލް ޖަވާބެއް ނުދެއްވި

13 އޮގަސްޓު 2025 - 10:53 0

މިހާރު ވެރިކަމުގައި ތިބި ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އަވައްޓެރި އިންޑިއާ އާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަކީ ގޯހެއްކަން ބުނުމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ދެކޮޅު ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ހަލީލުއާ ސުވާލު އަމާޒުކޮށްފަ އެވެ. ހަލީލް ވިދާޅުވި ގޮތުގައި އޭނާ އިންޑިއާ އައުޓުގެ ނަމުގައި ބޭއްވި އިހުތިޖާޖުތަކުގައި ބައިވެރިވި ނަމަވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން އެއްވުމެއްގައި ބައިވެރިވެފައި ނުވާނެ އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ އިދިކޮޅުގައި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ތިއްބެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަކީ ގޯހެއް ކަމަށް ހަލީލް ދެކެވަޑައިގަންނަވާތޯ އެވެ.

ހަލީލް ނިސްބަތްވާ ނިލަންދޫގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ޔާމީނާ އެކު ހަލީލް ބައިވެރިވަނީ


އެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ހަލީލް އިހުތިޔާރު ކުރެއްވީ އެމްޑީޕީއަށް ޖަވާބު ޑިފްލެކްޓް ކުރެއްވުމަށެވެ. އެމްޑީޕީ އިދިކޮޅުގައި އޮންނައިރު ކަންކަން ކުރަނީ ގައުމަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

"އަމިއްލަ މަސްލަހަތެއް ހިމާޔަތް ކުރުމަށް ކުރަން ހެޔޮވާވަރު ކަމެއް ނޫން ދިވެހި ރައްޔިތުންނާ ގައުމު ނިކަމެތިވާ ކަހަލަ ކަންކަން ކުރެއްވުމަކީ،" ހަލީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައުލޫމާތު އެމްޑީޕީން ބޭރުގެ ފަރާތްތަކާ ހިއްސާކުރުމުން ވެސް ހަލީލް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނަމަވެސް، އިންޑިއާ އައުޓާ ގުޅޭގޮތުން ވާހަކަ ދައްކަން ހަލީލް ދެކޮޅު ހައްދަވައި ސުވާލަށް ޖަވާބެއް ނުދައްވަ އެވެ. އިންޑިއާގެ އެއްބަސްވުންތައް ހާމަކުރާނެތޯ ސުވާލު ކުރުމުން ވެސް ހަލީލަށް ޖަވާބެއް ނުދެވުނެވެ.

ހާމަކުރަން ބުނި އެންމެ އެއްބަސްވުމެއް ވެސް މިހާތަނަށް ސަރުކާރަށް ހާމަނުކުރެވެ އެވެ. މަޖިލީހުން ކުރަމުންދިޔަ އެ މަސައްކަތް ވެސް މުއިއްޒުގެ އޯޑަރަށް އޮތީ ހުއްޓުވައިފި އެވެ.

އޭރު އިދިކޮޅުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމަކާ ދެކޮޅަށް މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ކެމްޕޭނެވެ. އެގޮތުން، އި ންޑިއާގެ ބޮޑުވަޒީރު ސިފަވާގޮތަށް މާލި ހަދައި, އެ ގައުމުގެ ދިދައިގައި ކުރަހައި ރާއްޖޭގައި އުޅެމުންދާ އިންޑިއާ ޓީޗަރުންނާއި, ނަރުހުންނާއި އަދިވެސް އެ ނޫން ރައްޔިތުންނަށް ފުރައްސާކުރުމުގެ އަމަލުތަކެއް ވެސް ހިންގި އެވެ.

ކެމްޕޭނުގައި މުއިއްޒުގެ ބަސްމަގު އިންޑިއާއާ މެދު ބެހެއްޓެވީ އެއީ މި ގައުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި ދެއްކުމަށެވެ. ކޮންމެ ޖަލްސާއެއްގައި ކޮންމެ އިވެންޓެއްގައިހެން އިންޑިއާއަށް ރާއްޖެ އަޅުވެތިވެފައިވާ ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ.

އެމްއެންޑީއެފްއިން ބޭނުންކުރަމުންދިޔަ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރާއި އެ އޮޕަރޭޓު ކުރުމަށް މިތާ ތިބި އިންޑިއާ ސިފައިން ބޭލުމަކީ މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ ކުރި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަަވައިގެން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ އާއި ގާތް ގުޅުމެއް ބާއްވައި، އިންޑިއާ އަށް ބަދު ބަސްތައް ސީދާ މުއިއްޒު ރައްދު ކުރެއްވި އެވެ.

ނަމަވެސް، މާލީ ދަތިކަން ބޮޑުވެ އެންމެފަހުން ޖެހުނީ އިންޑިއާ އާއެކު އޮތް ގުޅުން ބަދަހިކުރާށެވެ.