13 އޮގަސްޓު 2025 - 09:20 0
ލީވާން އަލީ ނާސިރު
ޓްރީ ޓޮޕުން ހއ. ދިއްދޫގައި ބާއްވާ ހެލްތު ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމު
13 އޮގަސްޓު 2025 - 09:20 0
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގާ ތިންވަނަ ހެލްތު ކޭމްޕް މި ހަފްތާ ބަންދުގައި ހއ. ދިއްދޫގައި ބޭއްވުމަށް ނިންމައިފި އެވެ.
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އޮގަސްޓް 15 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ދިއްދޫ ކައިރި ރަށްތަކާއި ރިސޯޓުތަކުގައި ދިރިއުޅޭ މީހުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕުން ބާއްވާ ކޭމްޕެކެވެ.
• ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މުހައްމަދު ހަބީބު - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒުނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. ރާޖޭޝް ވާލަންދް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ރީބާ މޭރީ ތޮމިޗިއަން - ކާބޯތަކެތީގެ މާހިރު
• ޑރ. ތެހްޒީބް ފާރުގީ - ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. ޕްރީތީ ސޮލޮމޮން - އަންހެނުންގެ ހާއްސަ ބަލިތަކުގެ ކޮންސަލްޓަންޓް
ޓްރީ ޓޮޕުން ބުނީ ހެލްތު ކޭމްޕްގައި ބައިވެރިވާން ބޭނުންވާ މީހުން ހއ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6500093 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ ކަމަށެވެ.
މި އަހަރުގެ އޭޕްރިލް އަދި މެއި މަހުގައި ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ޓްރީ ޓޮޕުން ވަނީ ހެލްތު ކޭމްޕް ބާއްވާފަ އެވެ. މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ވެސް ޓްރީ ޓޮޕުން ހެލްތް ކޭމްޕް ބޭއްވި އެވެ.
މިގޮތުން މިހާތަނަށް ބޭއްވުނު ހެލްތު ކޭމްޕްތަކުގައި 3،500 އަށްވުރެ ގިނަ މީހުން ވަނީ ޓްރީ ޓޮޕުގެ ފަރާތުން ރަށްރަށަށް ދާ ޑޮކްޓަރުންނަށް ދައްކައި ސިއްހީ ހިދުމަތް ހޯދާފަ އެވެ.
ހެލްތު ކޭމްޕުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރު ކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު ޓްރީ ޓޮޕްގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
Comment