13 އޮގަސްޓު 2025 - 05:58 0
13 އޮގަސްޓު 2025 - 05:58 0
ލަންޑަން (އޮގަސްޓް 13) - ކްރިސްޓަލް ޕެލަސްގެ ކެޕްޓަން، އިނގިރޭސި ޑިފެންޑަރު، މާކް ގޭހީ، ލިވަޕޫލަށް ސޮއިކުރުމުގެ މަޝްވަރާތައް ކުރިއަށްގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަަ ހޮނިހިރު ދުވަހު، ލިވަޕޫލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރީ ގޭހީ، 25، ގެ ކެޕްޓަންކަމުގައި ޕެލަސް އިންނެވެ. އެކަމަކު، އެ މެޗަށް ފަހު، ޕެލަސްގެ ޗެއާމަން، ސްޓީވް ޕެރިޝް ވިދާޅުވީ، ގޭހީ ފަދަ ޕެލަސްގެ މުހިންމު ކުޅުންތެރިއަކު ހިލޭ އެ ޓީމު ދޫކޮށްލުމަކީ، މާލީ ގޮތުން ބަލާއިރު އެ ކްލަބަށް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓް އާ ކުރަން ގޭހީ އެއްބަސްނުވާ ކަމަށްވާނަަމަ، މި ފަހަރުގެ ޓްރާންސްފާގައި އޭނާ ވިއްކާލަން ޕެލަސް އިން ވަނީ ނިންމައިފަ އެވެ.
އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅޭ ގޭހީ ގަންނަން މި ފަހަރުގެ ޓްރާންސްފާގައި، ނިއުކާސަލް ޔުނައިޓެޑުން، 40 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް، އޭރު ޕެލަސް އަށް ޔޫރޮޕާ ލީގުގެ ޖާގައެއްގެ އުންމީދު އޮތުމާ އެކު، އޭނާ ދޫކޮށްލަން އެ ކްލަބުން ބޭނުމެއް ނުވި އެވެ. އެކަމަކު، މިހާރު ޕެލަސް އަށް ޔޫރޮޕާ ލީގުގެ ޖާގަ ގެއްލިފައިވުމުން، މާލީ ކަންކަމަށް ބަލައި، ގޭހީ ދޫކޮށްލަން އެ ޓީމުން ނިންމީ އެވެ.
ލިވަޕޫލުން ގޭހީގެ ސޮއި ހޯދަން، 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި، އެ ޑީލަށް ޕެލަސް އިން ވެސް ރުހޭ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
މީގެ ހަތަރު އަހަރު ކުރިން، 2021 ގައި ޗެލްސީ ދޫކޮށް ގޭހީ، ޕެލަސް އަށް ބަދަލުވީ، 20 މިލިއަން ޑޮލަރަށެވެ. ލިވަޕޫލުން އަންނަނީ ގޭހީގެ އިތުރުން ޕާމާ އަށް ކުޅޭ 18 އަހަރުގެ ޑިފެންޑަރު، ޖިއޮވާނީ ލިއޯނީގެ ސޮއި ހޯދަން ވެސް ވާހަކަ ދައްކަމުންނެވެ.
Comment