Advertisement

ކަޅު ހުކުރުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، މިއަދާއި މާދަން ސަލާމަތް ކުރަން މަސައްކަތް ކުރަން ފައްޔާޒް ގޮވާލައްވައިފި

12 އޮގަސްޓު 2025 - 17:09 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއްގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ކަޅު ހުކުރުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، މިއަދާއި މާދަން ސަލާމަތް ކުރަން މަސައްކަތް ކުރަން ފައްޔާޒް ގޮވާލައްވައިފި

12 އޮގަސްޓު 2025 - 17:09 1

ގައުމުގެ މިސްރާބު މިއަދު ހުރީ މީގެ 21 އަހަރު ކުރިން އޮތް ހާލަތަށް ކަމަށް ވިދާޅުވެ، ކަޅު ހުކުރުގެ ހަރަކާތުން ހިތްވަރު ލިބިގަނެ މިއަދާއި މާދަމާ ސަލާމަތް ކުރެވޭނެ އުސޫލަކުން މަސައްކަތް ކުރަން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މިދެކޭ ގާނޫނުއަސާސީ އާއި އަސާސީ ހައްގުތައް ދިވެހީންނަށް ލިބުނީ މީގެ 21 އަހަރު ކުރިން އޯގަސްޓު 12، 13 ގައި ދިވެހީންގެ ބަޔަކު ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"އޭގެ 21 އަހަރު ފަހުން އަނެއްކާވެސް ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށް، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ އަޅުގަނޑުމެންގެ މިއަދާއި މާދަމާ ސަލާމަތްކުރުމަށް މިއަދުގެ ހާލަތަށް އެކަށޭނެ އަދި ނަތީޖާ ނެރެވޭނެ އުސޫލަކުން މަސައްކަތް ކުރަންޖެހޭ،" ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެެވެ.

އޯގަސްޓު 12، 13 ގެ ހަނދާން އާ ކުރަނީ އެ ދުވަހުގެ ނުރައްކާތެރި ހާލަތާ ކުރިމަތިލައި އެ ހާލަތުގެ މައްޗަށް ކުޅިފަސް ހޯދުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް ހައްގު ޝުކުރާއި ތައުރީފުކޮށް އެ މީހުންގެ މަތިން ހަނދާން އާ ކުރަމުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ކަޅު ހުކުރަކީ 2004، ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ތެރެއިން ލިބުނު ހިޔާލު ފާޅުކުރުމުގެ ހަނި ފުރުސަތުން ކުރި ފެޅި އެއްވުމެކެވެ.

އޯގަސްޓު 12، 2004، ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނަށް އެތައް ބަޔަކު އެއްވާން ފެށީ މިނިވަން ބަހުސްގެ ނަމުގައި މާލޭގައި ބާއްވަން ފެށި އެއްވުންތަކުގައި މައުމޫންގެ އިސްތިއުފާއަށް ގޮވައި ބެނާ ދެމި މީހުން ހައްޔަރު ކުރުމުންނެވެ.

ޖެހިގެން އައި ހުކުރު ދުވަހުގެ މެންދުރުފަހާ ޖެހެންދެން ކުރިއަށް ގެންދިޔަ އެ އެއްވުމުގައި ރާއްޖެއިން ބޭރަށް އޭރު އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތާބެއް ވެސް އިއްވި އެވެ.

އެއްވުން ރޫޅައިލީ އަނިޔާވެރިކަމާއެކު ސިފައިންނެވެ. އެ ދުވަހުގެ އެ ހަރަކާތުގައި ބައިވެރިވީކަމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެ މީހުންނަށް މައާފު ލިބުނީ އެ އަހަރުގެ ޑިސެމްބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު އެވެ.

އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ މީހުން ސިފަ ކުރާ ގޮތުން، ދިވެހި ރާއްޖެ މިއަދު މިދެކޭ ޑިމޮކްރެސީގެ އަސްލު ފެށުމަކީ ހަޅު ހުކުރެވެ. އަދި އޭރުގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްތައް ގުނަން ފެށި ތާރީހަކީ ވެސް އެއީ ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ.