Advertisement

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން ޕީޖީން ލަފާދީފި

12 އޮގަސްޓު 2025 - 17:17 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު: އޭނާގެ ޕާސްޕޯޓް ދޫނުކުރަން ޕީޖީން ވަނީ ލަފާދީފައި -- ފޮޓޯ: އަދަދު ފައިލް


ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން ޕީޖީން ލަފާދީފި

12 އޮގަސްޓު 2025 - 17:17 1

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ ޕާސްޕޯޓު ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ލަފާ ދިނުމަށްފަހު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ޕާސްޕޯޓު ދޫނުކުރަން ފަހުން ލަފާދީފި އެވެ.

ޕީޖީގެ ތަރުޖަމާނު އަހުމަދު ޝަފީއު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޭސްފަރުވާއަށް ސައީދު އިންޑިއާއަށް ދިޔުމަށް ހުއްދަ ދޭން އިއުތިރާޒެއް ނެތް ކަމަށް ކްރިމިނަލް ކޯޓަށް ލަފާދިނީ އޭނާގެ ފަރާތުން ޕީޖީއަށް ހުށަހެޅި ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އެކަމަކު ފަހުން ފުލުހުންގެ ފަރާތުން ޕީޖީއަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ޕޯސްޕޯޓު ދޫނުކުރަން ޕީޖީން ނިންމި ކަމަށް ޝަފީއު ވިދާޅުވި އެވެ. އެ އިންޓެލިޖެންސް ރިޕޯޓުގައި ހުރި މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ އިންޓެލިޖެންސް ރިޕޯތެއް ލިބިފައި އޮތީ. އޭގެ ކޮންޓެންޓް ޝެއާ ކުރެވޭކަށް ނެތް. އެކަމަކު އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ރިޔާޔަތްކޮށް އެ ޑިޒިޝަން ނެގީ،" އޭނާ ވިދާޅުވި އެވެ.

ޕީޖީން މި އަހަރުގެ މެއި 19، ގައި ސައީދުގެ ޕާސްޕޯޓު ބޭސްފަރުވާއަށް ދިޔުމަށް ދޫކުރަން ކްރިމިނަލް ކޯޓަށް ލަފާދީ ފޮނުވި ސިޓީގައި ބުނީ ސައީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޮށްފައިވާ އަމުރު މުރާޖައާކޮށްދިނުމަށް އެދޭ ހާލަތުގައި އޭނާގެ ޓްރެވަލް ޑޮކިއުމަންޓް 15 ދުވަހުގެ މުއްދަތަކަށް ދޫކުރަން އިއުތިރާޒެއް ނެތް ކަމަށެވެ.

މި ހަބަރަށް ސައީދުގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދައުވާއާ ގުޅިގެން އޭނާގެ ޕާސްޕޯޓް ޝަރީއަތް ނިމެންދެން ވަނީ ހިފަހައްޓައިފަ އެވެ. އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ އޮކްޓޯބަރު 9، 2024، ގަ އެވެ.

ސައީދުއާ ގުޅޭ ހަ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު އެ ހުރިހާ މައްސަލަތަކުގެ ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސް ޕާލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް ސައީދުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

މީގެއިތުރުން ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

ފެނަކައިގައި އެއްވެސް ހިޔާނާތުގެ ކަމެއް ހިންގާފައި ނުވާނެ ކަމަށް ސައީދު މީގެ ކުރިން ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ވަނީ ވިދާޅުވެފަ އެވެ.