12 އޮގަސްޓު 2025 - 14:35 1
ސާއިފް ޝިޔާދު
އެންވަރަމަންޓް މިނިސްޓަރު ތޯރިގު: އީޕީއޭ ދެން ހިންގާނީ އޭނާގެ ބެލުމުގެ ދަށުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
12 އޮގަސްޓު 2025 - 14:35 1
ތިމާވެއްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލުމަށް ފަހު މި ސަރުކާރުގެ މަޝްރޫއުތަކުގެ އެންވަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުން އަވަސްކުރަން ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް މިއަދު އެންވަރަމަންޓް މިނިސްޓްރީން ގެނައި ބަދަލުތަކުގައިވާ ގޮތުން ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަން ޖެހޭ މަރުހަލާތައް ވީ އެންމެ އަވަހަށް ލަސްކަމެއް ނާންނާގެ ގޮތަށް ނިންމަން ޖެހެ އެވެ.
ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭ މަޝްރޫއު އެންވަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ކަނޑައަޅަން ޖެހެނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫއުއަކަށް އިސްކަން ދޭން ކަނޑައެޅުމުންނެވެ. އީއައިއޭއަށް އެދި ހުށަހަޅާ ހުށަހެޅުންތައް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު ވެސް މިނިސްޓަރަށް ވަނީ ދީފަ އެވެ.
މި ގަވާއިދު ހިނގާނީ މިއަދުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން، މިއީ މި ސަރުކާރުގެ މަޝްރޫއުތަކުގެ އީއައިއޭ ހެދުން އަވަސް ކުރަން މަޖުބޫރުވާ ގޮތަށް ފަރުމާކޮށްފައިވާ ގަވާއިދެކެވެ.
ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ އުވާލަން ނިންމާފައިވާކަން ތަފާތު އެކި މަސްދަރުތަކުން އަދަދު އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހަދާ އެންވާރަމަންޓާލް އެސެސްމަންޓް ހެދުމުގެ ޕްރޮސެސް ކުރުކޮށް، އަވަސް ކުރެވޭނެ ގޮތްތަކެއް ބައްލަވައި، ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށްގެންދެވޭނެ ގޮތަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރައްވައި 10 ޖުލައިގެ ކުރިން ގެޒެޓު ކުރެއްވުން،" ސަރުކާރުގެ ދުވެލި ޕޯޓަލްގައި ފޮނުވި ނޯޓިސްގައި ބުނެފައި ވެ އެވެ.
އީޕީއޭއަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ. އެ އިދާރާގެ އިސްވެރިޔަކަށް ހުންނެވީ އިބްރާހިމް ނައީމް އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދިފަހުން ވެލިދޫގެ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމަށް ފުރިހަމަ އީއައިއޭއެއް ހަދާފައި ނުވެ އެވެ. އެ މަސައްކަތް ފެށީ މުއިއްޒު އެ ރަށަށް ކުރި ދަތުރާ ދިމާކޮށެވެ. ސަރުކާރުން އީއައިއޭގެ ބާރުތައް ހަނިކުރަން ވިސްނަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment