Advertisement

ތުޅާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފި

12 އޮގަސްޓު 2025 - 13:19 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުޅާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް


ތުޅާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފި

12 އޮގަސްޓު 2025 - 13:19 1

ބ. ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ތުޅާދޫއަށް ކުރައްވާ ދަތުރުގެ ތެރެއިން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހްމަދު ސައުދީ އެވެ.

މަޝްރޫއުގެ ދަށުން ރަންވޭ އާއި ޓާމިނަލް އަދި އިތުރު ފެސިލިޓީތައް އެމްޓީސީސީން ގާއިމުކުރާނެ އެވެ.

ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ތުޅާދޫ އެއާޕޯޓް ތަރައްގީކުރާނީ މިދިޔަ ސަރުކާރުން ހަދާފައި އޮތް ކޮންސެޕްޓުގެ އީއައިއާ އެއްގޮތަށް ކަމަށެވެ.

"މަޝްރޫއު މި ފެށީ މިދިޔަ ސަރުކާރުން މިކަމަށް ހަދާފައި އޭރުގައި އޮތް ކައުންސިލާއި އެކީގައި ރައްޔިތުން އަޅުގަނޑު ގަބޫލުކުރަނީ އުސޫލެއްގެ ގޮތުން ކައުންސިލަކުން ކަމެއް ކުރާނަމަ، ރައްޔިތުންގެ ސޭ ނުވަތަ ހިއްސާ މަޝްވަރާ ހޯދާނެ ކަމަށް. ހަދާފައި ފާސްކޮށްފައި އޮތް ކޮންސެޕްޓުގެ ދަށުން ހަދާފައި އޮތް އީއައިއޭއަށް ބިނާކޮށްފައި،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އީއައިއޭއަށް ބިނާކޮށް ގެންނާނެ ބަދަލަކީ ފަޅު ތެރެއިން ވެލި ނަގައިގެން ކަޓާ ސެކްޝަން ޑްރެޖިން ކޮންސެޕްޓުގެ ބަދަލުގައި ފަޅުން ބޭރުން ވެލި ނަގައިގެން ހޮޕާ ޑްރެޖިން ކުރާ ކޮންސެޕްޓަށް ކަމަށާއި އޭރުން ފަޅު ތެރެއިން ކަޓާ ސެކްޝަން ޖައްސަން ނުޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. .

"ގެންނާނެ ބަދަލަކީ މަޝްރޫއު މިހާރު ފެށިގެންދާ ދިއުމުގެ ތެރޭގައި މި ފަޅުން ބޭރުން އެހެންތާކުން ވެލި ނަގައިގެން ހޮޕާ ޑްރެޖިން. އެއީ ފަޅުތެރެއިން ކާޓާ ސަކްޝަން ނުޖައްސައި ހޮޕާ ޑްރެޖާ ޖައްސައިގެން ކުރާ ގޮތަށް ބަދަލު ކުރުން. އެގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ތުޅާދޫގައި އެއާޕޯޓް ގާއިމުކުރަން ބޭނުންވާ ބިން ހިއްކަން މިދިޔަ ސަރުކާރުން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްފައި އޮތް އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއުގެ މަސައްކަތް ވެސް އެމްޓީސީސީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލު ކުރީ އެއް އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 570 މިލިއަން ރުފިޔާއަށެވެ.

ތުޅާދޫ އެއާޕޯޓާއި ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން އެ ރަށު ބަނދަރު ތަރައްގީ ކުރުމާއި އިތުރު ބިން ހިއްކުމުގެ މަޝްރޫއުއެއް ވެސް އެމްޓީސީސީއާ ސަރުކާރުން އިއްޔެ ހަވާލު ކުރި އެވެ.