12 އޮގަސްޓު 2025 - 11:29 0
ސާއިފް ޝިޔާދު
މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންތަކެއް. ތިންވަނަ ދައުރު ފަށާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު -- ފޮޓޯ: މަޖިލިސް އިދާރާ
12 އޮގަސްޓު 2025 - 11:29 0
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަަ ދައުރު އޮގަސްޓު 21، ގެ ނިޔަލަށް ދަންމާލަން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާ ފަށަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ދައުރު ދަންމާލަނީ ނުނިމި ހުރި މަސައްކަތްތަކެއް ހުރުމުން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ދައުރު ދަންމާލަނީ ކީއްވެގެންކަން ރިޔާސަތުން ހާމަނުކުރެއްވިޔަސް ވޯޓު ގަޑީގައި ވޯޓަށް އެހުމުން ދައުރު ދަންމާލަން 59 މެންބަރުން ވޯޓު ދެއްވި އެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ އެކަކުން ފެށިގެނެ މެއި 15، އަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15، އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.
މަޖިލީހުގެ މަސައްކަތްތައް އެއް ހަފްތާއަށް ދަންމާލާފައި މިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރު ބާރުތަކެއް ނެގުމަށް ބިލެއް ހުށަހަޅަން ސަރުކާރުން ތައްޔާރުވަމުން އަންނަނިކޮށެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލް ކުރާ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީގެ މެންބަރުންތަކެއް ވަނީ އަތޮޅު ކައުންސިލްތައް އުވާލައި ދެން ހުރި ކައުންސިލްތަކުގެ އަތުގައި އޮތް އިތުރު ބާރުތަކެއް އަތުލަން އިތުރު ބިލެއް ހުށަހަޅާނެކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ.
Comment