Advertisement

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު ވެސް މާޒިޔާ މެޗު މުހިންމު

12 އޮގަސްޓު 2025 - 09:29 0

އަތޫފް އާތިފް

އަތޫފް އާތިފް


ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު ވެސް މާޒިޔާ މެޗު މުހިންމު

12 އޮގަސްޓު 2025 - 09:29 0

ސީޒަން ނުކުޅެ، އޭއެފްސީގެ މުބާރާތެއްގެ ކޮލިފައިން ބުރުގައި ކުޅެން ޖެހުމުން ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތު އެނގޭ ކަމަށާއި، ގްރޫޕް ސްޓޭޖްގެ ޖާގައެއް ލިބިއްޖެ ނަމަ އޭގެ ފައިދާ ރާއްޖޭގެ ފުޓުބޯޅަ އަށް ކުރާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އިބްރާހީމް އައިސަމް ބުނެފި އެވެ.

މާޒިޔާ އިން މިއަދު ހަވީރު އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ނުކުންނާނީ ކުވައިތުގެ އަލް އަރަބިއާ ދެކޮޅަށެވެ. މިދިޔަ އަހަރު ވެސް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ އަލް އަރަބިއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ 10 މިނިޓްގެ ތެރޭގައި ވަން ދެ ގޯލާއެކު އެ ފަހަރު މާޒިޔާގެ މައްޗަށް އަރަބި އިން ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ.

އަނިޔާގެ ސަބަބުން އެ ފަހަރުގެ މުބާރާތުގައި ނުކުޅެވުނު އައިސަމް "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ބުނީ މިދިޔަ އަހަރު ކުޅުނީ އަރަބި ދަނޑުގައި ކަމަށާއި، މެޗު ފަށައިގެން ދެ ގޯލު މާޒިޔާ ކޮޅަށް ވަން ނަމަވެސް މެޗުގެ ފަހު ކޮޅު މާޒިޔާ އިން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ފަހި ކުރި ކަމަށެވެ.

އެކަމަކު، މި ފަހަރު މި މެޗު ކުޅެން މި ޖެހެނީ ރާއްޖޭގައި ކަމުގައި ވުމުން އޭގެން ފައިދާ ކުރާނެ ކަމަށާއި، އެހެންވެ މި މެޗަށް މާޒިޔާ އިން ނުކުންނާނީ އެ ޓީމަށް ރަނގަޅު ފައިޓެއްދީ ބަލިކުރަން ކަމަށެވެ.

"އަސްލު ދެން މިހާރު ފުޓުބޯޅަ އޮތް ހާލަތައް ބެލިކަމުގައިވީ ނަމަވެސް ދޯ. ދެން މިއީ ވަރަށް މުހިންމު މެޗެއް. މި ފަހަރު ދެން މިދިޔަ އަހަރު މުބާރާތެއްވެސް ނުކުޅެ، ދެން މި ފަހަރު އޭއެފްސީ ވެސް މި ލިބުނީ ޕްލޭއޮފް. ދެން އެހެންވެ، ސަޕޯޓަރުންނަށް ބުނަން އޮތީ ސަޕޯޓްކޮށްދޭށޭ. އޭރަށް ރާއްޖޭގެ ފުޓުބޯޅަ (ހާލަތު) ރަނގަޅުވާނެ." އައިސަމް ފާހަގަކުރި އެވެ.

މީގެ އިތުރުން މާޒިޔާގެ ތަރި ހަމްޒާ މުހައްމަދު (ހަމްޕު) ބުނީ، މި މެޗަށް މާޒިޔާ އިން ނުކުންނަނީ، މިދިޔަ އަހަރުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްކަމަށެވެ.

މި މެޗަށް އަރަބި ޓީމުން ނުކުންނައިރު، އެ ޓީމުންވެސް ބަދަލުތަކެއް ފެންނަ ކަމަށާއި، އެކަމަކު މާޒިޔާ އިން ނުކުންނާނީ އެކަންކަމަށް ނުވިސްނާ ނަތީޖާ ނެރެން ކަމަށް ހަމްޕު ފާހަގަކުރި އެވެ.

މާޒިޔާ އާއި އަލް އަރަބި ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖެ ގަނޑިން 15:00 ގަ އެވެ.