ބާސެލޯނާ (އޮގަސްޓް 12) - ސްޕެނިޝް ލީގުގެ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގެ މިއާމީގައި ކުޅޭ ގޮތަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހުއްދަ ދީފި އެވެ.
ޑިސެމްބަރު މަހު، ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގައި ކުޅެފިނަމަ، އެ ވެގެންދާނީ ޔޫރަޕްގެ ލީގެއްގެ މެޗެއް އެެމެރިކާގައި ހޯސްޓްކުރާނެ ފުރަތަމަ ފަހަރަށެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މި މެޗު އެމެރިކާގެ މިއާމީގައި ކުޅެން ރުހުން ދީފައިވީނަމަވެސް، މެޗު ކުޅެވޭނެކަން ހުރިހާ ގޮތަކުން ޔަގީންވެގެންދާނީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އާއި އާއި ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން، ޔުއެފާ އިން މި ކަމަށް އެއްބަސްވުމުންނެވެ.
އެ ގޮތުން، ބާސެލޯނާ އާއި ވިޔަރެއާލްގެ މެޗު ހޯސްޓްކުރަން ނިންމާފައި އޮތީ، މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގަ އެވެ. އެއީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަތް މެޗު ކުޅެން ނިންމާފައި އޮތް ދަނޑެކެެވެ. މި ވަގުތަށް ބަލާއިރު، ޑިސެމްބަރު 21 ވަނަ ދުވަހު ކުޅެން އޮތް އެ މެޗު އަދި އޮތީ ވިޔަރެއާލް ދަނޑުގައި ކުޅޭ ގޮތަށެވެ. އެކަމަކު، ޔުއެފާ އާއި ފީފާ އިން އެއްބަސްވެއްޖެނަމަ، އެ މެޗު މިއާމީގައި ކުޅޭ ގޮތަށް ފައިނަލް ވެގެންދާނެ އެވެ.
މިއާމީ އަކީ ބާސެލޯނާގެ ލެޖެންޑަރީ ތަރި، ލިއޮނަލް މެސީ ކުޅޭ އިންޓަ މިއާމީ ނިސްބަތްވާ ސަރަަހައްދެވެ.
އިޓާލިއަން ލީގުގައި އަންނަ ސީޒަނުގައި އޭސީ މިލާނުން ފެބްރުއަރީ މަހު ކޯމޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން ފުރުސަތު ދޭން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން އިން ވަނީ (އެފްއައިޖީސީން) ނިންމައިފަ އެވެ. އެކަމަކު، މި މެޗާ ގުޅޭގޮތުން ވެސް ޔުއެފާ އާއި ފީފާ އިން އަދި ގޮތެއް ނުނިންމަ އެވެ.
Comment