Advertisement

ކައުންސިލްތަކުގެ ބާރު ހަނިކުރުން މުއިއްޒު ދެކެނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން ގޮތުގައި

11 އޮގަސްޓު 2025 - 22:40 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބ. ކެންދޫގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ކައުންސިލްތަކުގެ ބާރު ހަނިކުރުން މުއިއްޒު ދެކެނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން ގޮތުގައި

11 އޮގަސްޓު 2025 - 22:40 1

ރާއްޖޭގެ ކައުންސިލްތަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ކަންކަމަށް ފައިސާ ހަރަދު ކުރާކަމަށް ކުރައްވާ ތުހުމަތު ތަކުރާރު ކުރެއްވުމަށްފަހު، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ ކައުންސިލްތަކުން ކުރާ ބައެއް ހަރަދުތައް ހުއްޓުވައި ކައުންސިލް ކުންފުނިތަކުން ކުރާ ވިޔަފާރިތަކުގެ ގިންތިތައް ކޮންޓްރޯލް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކެންދޫއަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ލާމަރުކަޒީކޮށް ހިދުމަތް ދިނުމަކީ އެމަނިކުފާނު ހިތުގެ އަޑިން ފުރިހަމައަށް ގަބޫލު ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ފުޅާ ދާއިރާއެއްގައި އެމަނިކުފާނު އުޅުއްވި ނިޒާމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަށް އެނގޭ އޭގެ މުހިންމުކަމާއި އޭގެ ފައިދާ އާއި އެކަން ކުރެވޭނެ ގޮތާއި އެކަމުގައި ސަރުކާރުތަކުން ވިޔަސް އަދި އެކި ދިމަދިމާލުން ހުރަސްތައް ކުރިމަތި ކުރާ ގޮތާއި އަދި ހުރަސްތައް ގިރާކުރަން ކުރާނެ ކަންކަމާއި ދެން ހުރިހާ، ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާލެއްގައި އުޅެވިފައި ހުރި މީހެއް އަޅުގަނޑަކީ،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާ އާއި އެ ކައުންސިލްތަކުން އަމިއްލައަށް ހޯދާ ފައިސާ ބޭކާރު ގޮތުގައި ބައެއް ކައުންސިލްތަކުން ބޭނުންކުރާ ކަމަށް ކުރައްވާ ތުހުމަތު މުއިއްޒު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

އެގޮތުން އެއްވެސް ރައްޔިތަކަށް ހެވެއް މަންފާއެއް ހޯދެން ނެތް ދަތުރުތަކުގައި ވެސް ރާއްޖެއިން ބޭރަށް ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ކައުންސިލަރުން ވަޑައިގަންނަވާ ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

"ގާނޫނުގައި ހ އިން ފެށިގެން ގޮސް ދެން ޗ އާ ހަމައަށޭ ވެސް ދެންނެވިދާނެ، ވަރަށް ގިނަ އަކުރުތަކުގައި އެހުރީ ކައުންސިލްތަކުގެ ޒިންމާތައް ބަޔާން ކޮށްފައި، ބާރުތަކާއި ޒިންމާތައް، އެކަންކަން ކުރަން ފައިސާ ހަރަދު ކުރަންޖެހޭނީ. އެކަންކަން ނުކުރާ އެތައް ކައުންސިލެއް އެބަހުރި. ބޭކާރު ގޮތުގައި ކަންކަން ކުރަމުން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ މިކަންކަން ހަމަމަގަށް އެޅުވުމަކީ މިކަންކަމަށް އޮންނަ، ނުގަވާއިދުން ފައިސާ ބޭނުން ކުރަން އޮންނަ މަގުތައް ބަންދުކޮށް ސީދާ ރައްޔިތުން ބާރުވެރި ކުރުވުމަކީ ހަގީގަތުގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ."

މިސާލު ދައްކަވަމުން އެމަނިކުފާނު ދެން ވިދާޅުވީ ބައެއް ރަށު ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން ރައްޔިތުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށެވެ.

އަދި މަޖިލީހުން މިހާރު ފާސްކޮށްފައި އޮތް ގާނޫނުގައި ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރެވޭ ވިޔަފާރިތަކުގެ ގިންތިތައް ކޮންޓްރޯލް ކޮށްފައި އޮތީ ވެސް އެ ނިޔަތުގައި ރައްޔިތުން ބާރުވެރި ކުރުވުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ލޯކަލް އޮތޯރިޓީ ކުންފުނިތައް ބައެއް ކައުންސިލްތަކުން ހަދައިގެން ބައެއް ރަށްރަށުގައި ކުދިކުދި ވިޔަފާރިތައް އާންމު ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކަށް އެ ކުންފުނިތަކުން ވަންނަ ވަނުން ވެސް ހުއްޓުވަން މިއުޅެނީ، ރައްޔިތުން ބާރުވެރި ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

"ކިހިނެއް މިވަނީ؟ ލޯކަލް އޮތޯރިޓީ ކުންފުނި ކައުންސިލުން ހަދައިގެން އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރި ތެރެއަށް ވަނީމާ ކިހިނެއް އެ ރައްޔިތުންނަށް ވާނީ؟ އެ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ، އެހެންވީމާ އާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރި ތެރެއަށް ކައުންސިލްގެ ކުންފުނި ނުވަންނަ ގޮތަށް މި ބަދަލު ކުރަނީ، އެއަށްވުރެ ބޮޑެތި ވިޔަފާރިތައް ކައުންސިލް ކުންފުނިން ކުރަންވީ."

އެމަނިކުފާނު ވިދާޅުވީ ތަޖުރިބާ ހޯދުމުގެ ނަމުގައި މިއަދު ވެސް ކޮންމެވެސް އަތޮޅު ކައުންސިލެއްގެ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރެއްގައި ފުރި ހަބަރު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ދައުރު ނިމެން މިހައި ކައިރިވެފައި އޮންނައިރު، ހުންނާންވާނީ ތަޖުރިބާ ހޯއްދެވިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކައުންސިލްތަކަށް ބްލޮކް ގްރާންޓު މި ދެނީ އަދި ގާނޫނުން ފުރުސަތު ދީގެން، އާމްދަނީ ހޯދަން ފުރުސަތު މި ދެނީ ރަށުގައި ކުރަން ހުންނަ މުނިސިޕަލް ހިދުމަތް ކުރަން އަދި ރަށަށް ބޭނުންވާ ކަންކަމަށް އިންވެސްޓު ކުރަންށާއި އަދި އެހެނިހެން ކަންކަމަށް އާމްދަނީ ހޯދަން،" މުއިއްޒު ވިދާޅުވި އެވެ.

"ތަޖުރިބާ ހޯދަން، ތަޖުރިބާ ދެން ކީއްކުރަންތޯ؟ މިހާރު ދައުރު ދެން މިއޮއް ނިމެނީ، ދެން ތަޖުރިބާ ހޯއްދަވައިގެން ތިއްބަވަން ވާނީ ކުރިން އަޅުގަނޑު ދެކޭ ގޮތުގައި،"