Advertisement

ކައުންސިލް އެކަހެރިކޮށް, ކެންދޫ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރި ޖަލްސާގެ އެޖެންޑާ ކަނޑައެޅީ ޕީއެންސީން

11 އޮގަސްޓު 2025 - 19:15 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ކައުންސިލް އެކަހެރިކޮށް, ކެންދޫ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރި ޖަލްސާގެ އެޖެންޑާ ކަނޑައެޅީ ޕީއެންސީން

11 އޮގަސްޓު 2025 - 19:15 2

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބ. ކެންދޫއަށް މިއަދު ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އެ ރަށު ކައުންސިލަށް އެއްވެސް ދައުރެއް ނެތި އެ ޖަލްސާގެ ކަންކަން ރައީސް އޮފީހުން ކަނޑައެޅުމުގެ ބަދަލުގައި ޕީއެންސީން ކަނޑައެޅުމުން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކެންދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ފޮނުވިއިރު، ކައުންސިލުގެ އެއްވެސް ދައުރެއް ނުހިމަނައި އޮތުމުން އެއީ އިދާރީ އޮޅުމެއް ކަމަށް ބަލައި އެކަން އިސްލާހު ކޮށްދޭން ރައީސް އޮފީހުގައި އެދުނު ކަމަށެވެ.

ނަމަވެސް އެގޮތަށް އެޖެންޑާ ކޮށްފައި ވަނީ މުއިއްޒު ނިސްބަތްވާ ޕީއެންސީން އެގޮތަށް ބޭނުންވެގެން ކަމަށް ބުނެ އެޖެންޑާ ބަދަލު ކޮށްދީފައި ނުވާ ކަމަށް ކެންދޫ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

"އެ މަނިކުފާނު މި ރަށަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ޖަލްސާގެ އެޖެންޑާ އެމަނިކުފާނުގެ އޮފީހުން ފޮނުވިއިރު، އެ އެޖެންޑާ އޮތީ މި ކައުންސިލުގެ އެއްވެސް ދައުރެއް ނެތް ގޮތަށެވެ. އެހެންވެ އެއީ އިދާރީ އޮޅުމެއް ކަމަށް ބެލެވިގެން އެކަން އިސްލާހު ކޮށްދިނުމަށް އެދުމުން އެއީ އެމަނިކުފާނު ނިސްބަތްވާ ސިޔާސީ ޕާޓީން ބޭނުންވި ގޮތް ކަމަށް ދަންނަވައި އެޖެންޑާއަށް ބަދަލެއް ގެނެވެން ނެތް ކަމަށް ދަންނަވާފައިވެ އެވެ،" ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ކެންދޫ ކައުންސިލުން ވަނީ މުއިއްޒު އެ ރަށަށް ވަޑައިގެންނެވުމުން ރައްޔިތުންނާއި އެ ކައުންސިލުގެ ނަމުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވައިފަ އެވެ.

ކެންދޫ ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ކެންދޫ ރައްޔިތުންނާ މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާ އެޖެންޑާ ކުރިއިރު، ކެންދޫގެ ކަރަންޓު މައްސަލައަށް ހައްލު ނުލިބިގެން އެ ރަށު ކައުންސިލުން ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ.

އެހެންނަމަވެސް މިއީ އެކަމާ ގުޅިގެން ނިންމި ނިންމުމެއްކަމެއް އަދި ސާފެއް ނުވެ އެވެ.